ރަށްތަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ އަށް ދެ ޖެނެރޭޓަރު އަދި ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަން ތައްޔާރު ވެއްޖެއެވެ.

ފެނަކައިން ބުނީ، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިޔާކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ކުޅުދުއްފުށީ ސިޓީ އަށް ދެ ޖެނެރޭޓަރު އަދި ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވުމަށް ތައްޔާރުވެފައިވާކަމަށް ފެނަކައިން ބުންޏެވެ،

ކުޅުދުއްފުށި ސިޓީއަށް ފޮނުވަނީ 800 ކިލޯވޯޓު އަދި 1200 ކިލޯވޯޓުގެ ގެ ދެ ޖެނެރޭޓަރެވެ. އަދި ހަނިމާދޫ އަށް ފޮނުވަނީ 1200 ކިލޯވޯޓުގެ ޖެނެރޭޓަރެކެވެ.

މި ޖެނެރޭޓަރުތައް އެ ދެރަށަށް ފޮނުވަން މިހާރު ލޯޑްކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

’’މީގެ އިތުރުންވެސް އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް މި ކޯޕަރޭޝަން އިން އަންނަނީ މަސައްކަތްތަކެއް ކުރަމުން’’ ފެނަކައިން ބުނެފަވެއެވެ.

މިފަހަކުން ކުޅުުދުއްފުށީ ކަރަންޓްގެ ލޯޑް ބޮޑުވެ، ޚިދުމަތަށް ވަރަށްބޮޑަށް ބުރޫ އެރި ހާލަތްތައް ވަނީ ކުރިމަތިވެފައެވެ. އަދި ހަނިމާދޫ ގައިވެސް ލޯޑު ބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ގިނަ ރަށްތަކެއްގައި މި މައްސަލަތައް ކުރިމަތިވެފައިވާއިރު، ލޯޑު ބޮޑުވެ، ކުއްލި އަކަށް ކަރަންޓް ދިޔުން ފަދަ ކަންކަން ހިނގާތީއާއި، އެކަށޭނަ މިންވަރަށް ކަރަންޓް ދައުރު ނުކުރާތީ ފްރިޖް، ފެންމޯޓަރު ފަދަ ރައްޔިތުންގެ އަގުބޮޑެތި ތަކެތި އަވަހަށް ހަލާކުވާން ވަނީ ދިމާވެފައެވެ.

މި މައްސަލައަަށް ހައްލު ހޯދުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.