ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހުގެ މާއްދާ އާއި އިސްލާމް މާއްދާ ކިޔަވައިދިނުމަށް އޮންލައިން ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ.

"ރިވެލި" ނަމުގައި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމަށް ފެށި މި އޮންލައިން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

ރައީސް، މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އެ މަނިކުފާނު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ޤައުމުގެ ދުބާއީގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ރައީސް ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅުގައި އެ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، ދިވެހިބަހާއި ޘަޤާފަތާއިބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވަވާނެ ކަމަށް ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ ރައީސްގެ މި ވަޢުދުފުޅާއެއްގޮތައް ފަރުމާކޮށް ފެށި ޕްރޮގްރާމެއްކަމަށް ސަރުކާރުން ބުނެއެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ބައްދަލުވުމަށް ހާޒިރުވި އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަމާބެހޭ ގޮތުން އޮޅުންފިލުއްވާފައެވެ.

ރައީސް އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.