ސަރުކާރުގެ "ހަފްތާ 14" ގެ ދަށުން ދިވެހިރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް، އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފް ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
މި ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިއަދު ހަވީރު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާއެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
ރާއްޖޭގައި ވާޓިކަލް ފާމިން ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ސެޓަޕް ގާއިމް ކުރުމަށް އެ ވުޒާރާއާއި އަމިއްލަ ކުންފުންޏަކާއިއެކު ސޮއި ކޮށްފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ މެދުތެރޭގައެވެ.
އެ އެއްބަސްވުމުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް މިހާރު ވަނީ ގާއިމް ކޮށްފައެވެ. އެއީ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް A ފްރޭމް ސްޓްރަކްޗަރުގައި ގަސް ހައްދާ ނިޒާމާއި، ޕައިން އެޕަލް ޓަވަރު ސިސްޓަމާއި، އޭރޯޕޯނިކްސް ޓަވަރު ސިސްޓަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!