ދިވެހި އަސްކަރިއްޔާގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން ހުޅުވާލައިފިއެވެ.
ދިފާޢީ ވުޒާރާއިން، ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށްފައިވާ ޢިއުލާންގައިވާ ގޮތުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓް ކުރާމީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތައް ކަމަށް ބުނެފައި ވަނީ، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން ހިމެނެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެރެކޯޑެއް އޮތްމީހަކުކަމުގައި ނުވުމާއި އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުމަކީ ވެސް ސިފައިންގެ ވަޒީފާއަށް ރެކްރޫޓް ކުރާމީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބެލޭނެކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމިތިލުމުގައި އުމުރު ފުރާ ބަލާނީ 2024 ފެބުރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއިއެކު ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހޭއިރު، ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް ދިފާޢީ ވުޒާރާގެ (ވެބްސައިޓް: www.defence.gov.mv) އަދި އެމް.އެން.ޑީ.އެފްގެ (ވެބްސައިޓް: www.mndf.gov.mv) ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެގޮތް ވަނީ ހަދާފައެވެ.
ސިފައިންގެ ވަޒީފާއަށް ހޮވޭ މީހުންނަށް، ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމާއި ހަމައަށް މުސާރައާއި އެލަވެންސްގެ ގޮތުގައި -/12400 ރުފިޔާ ލިބެއެވެ.
ސިފައިންގެ ވަޒީފާއަށް ހޮވޭ މީހުން އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމުން މުސާރައާއި އެލަވަންސްގެ ގޮތުގައި -/15500 ރުފިޔާ އާއި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުން ހަމަޖެހިފައިވާ އިތުރު އެލަވަންސްތައް ވެސް ލިބޭނެއެވެ.
ސިފައިންގެ ވަޒީފާ އަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
އިންޓަވިއު ކުރިއަށް ގެންދާނެ މަރުކަޒުތައް
- ނޮދަން އޭރިއާ ކޮމާންޑް: އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް، ޅ. ނައިފަރު ފަޔަރ ސްޓޭޝަން، ގްރޭޓަރ މާލެ އޭރިއާ ސަރަހައްދު އަދި ދިފާޢީ ވުޒާރާ.
- ސެންޓްރަލް އޭރިއާ ކޮމާންޑް: ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)، އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް، އެމް.އެން.ޑީ.އެފް މުލީ ޕޯސްޓް (މ.މުލި) އަދި ފ. ނިލަންދޫ ފަޔަރ ސްޓޭޝަން
- ސަދަން އޭރިއާ ކޮމާންޑް: ސަދަން އޭރިއާ ހެޑްކްއޯޓަރޒް (ސ. ގަން)، އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް، ސ. ހިތަދޫ ފަޔަރ ސްޓޭޝަން އަދި ގދ. ތިނަދޫ ފަޔަރ ސްޓޭޝަން.
ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަން ޖެހެނީ އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒަކަށް ނުވަތަ ދިފާޢީ ވުޒާރާގެ careers@defence.gov.mv އީމެއިލަށެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް ދިފާޢީ ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅަން ބޭނުންނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅެއެވެ. މިޕްލެޓްފޯމް ލިންކަކީ:http://message.gov.mv/en/messages އެވެ.
އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފޯމް ވުޒާރާއަށް ލިބުނުތޯ ބެއްލެމަށް 7522601 މެސެޖްކުރަންޖެހޭއިރު، މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެކަމަށް މިކަމަށް ކޮށްފައިވާ ޢިއުލާންގައި ބުނެފަވެއެވެ.
މިކަމާއިގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ގުޅަންޖެހޭ ނަންބަރަކީ 3035830 އެވެ. އަދި އިތުރު މައުލޫމާތު އެމްއެންޑީއެފުންގެ ވެބްސައިޓުން ލިބޭނެގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!