ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ހިސާން މިކަން ޢިއުލާން ކުރެއްވީ ''އެކްސް''ގައި މިއަދު ކުރެއްވު ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި އާ އަހަރެއްގެ ހެޔޮ އެދުންތަށް ފޮނުއްވަމުން ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރަށްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާގެ މަސައްކަތުގެ އެހީތެރިވެދެއްވި އާއިލާއާއި، ޓީމް މެންބަރުންނާއި އެހެން ފަރާތްތަކަށް ވެސް ހިސާން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

''2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން.'' ހިސާން ވިދާޅުވެފަވެއެވެ.

ހިސާން ވަނީ ކުރިއްޔަށް އޮތްތަނުގައިވެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެކު އޭނާ ހުންނަވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.