ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު ''ހަފްތާ14'' ގެ ސިއްހީ ވަޢުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ ޑިސެންބަރ މަހުގެ 14 ވަނަ ދުވަހުއެވެ.

Ad
rt

މި ވަޢުދުގެ ދަށުން އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

''ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެޗް.އެލް.އޭ ޓެސްޓް ހަދާފައި ތިބި އިތުރު ކުދިންގެ ފައިނަލް އެސްސްމަންޓް ހެދުމަށް ރާއްޖެއިން ބޭރުގެ ފަންނީ ޓީމެއް ރާއްޖެ ވަޑައިގެން މިހާރު ވަނީ އެސްސްމަންޓް ހަދާ ހޮވިފައިވާ ކުދިން މި ފަރުވާއަށް ދިޔުމަށް ހަމަޖެހިފައި'' ސިއްހަތާބެހޭ ވުޒާރާއިން ބުނެފަވެއެވެ.

އެޗް.އެލް.އޭ ހަދަން ބޭނުންވާ ކުދިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހަދަންޖެހޭ ޓެސްޓްތައް ރާއްޖޭގައި ތިބެގެން ހެދުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، ބޭރުގެ ޓީމެއް މި ޖެނުއަރީ މަހު ރާއްޖެ ވަޑައިގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް އަދި ސެޓްއަޕް ހަމަޖައްސައި, އެޗް.އެލް.އޭ ހަދަން ބޮޑު ކޭމްޕެއް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް މިހާރު ރާވާފައިވާ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. މި ކޭމްޕްގައި އެޗް.އެލް.އޭ ހަދަން ނަގާ ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ތެލެސީމިއާ ކުދިންނަށް ފަސޭހައިން ބޭހާއި ކޮންސިއުމަބަލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި, އެސްޓީއޯ އާ އެކު އެއްބަސްވުމެއް ހެދި, ރަށުގައި ތިބެގެން ބޭސްލިބޭނެ އިންތިޒާމް ވެސް ސަރުކާރުން މިހާރު ހަމަޖައްސާފައިވާއިރު، އަދި މިހާރު ޕްރައިވެޓް ހެލްތުކެއާ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާރ ޓެސްޓް" ހެދުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމުކޮށް އަންނަ ފެބުރުއަރީ މަހު ފެށޭނެ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޑިސެންބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެގޮތުން މި މިފަރުވާ ފުޅާކުރުމުގެ ގޮތުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކަނޑައެޅޭ އަދަދަކަށް ކޮންމެ އަހަރަކު ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.

މީގެ އިތުރުން ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުން ވެސް މީގެ ތެރޭގައި ހިމެނޭއިރު، އަދި ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.