ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރިއަލް ސްޓާސް ޖާގަ ހޯދައިފިއެވެ.
ގްރޫޕް އޭގައި ހިމެނޭ ރިއަލް ސްޓާސްއާއި އަހުލީ މިއަދުގެ މެޗަށް ނުކުތްއިރު ސެމީން ޖާގައެއް ކަށަވަރު ކުރުމަށް މޮޅުވުން ނޫން ގޮތެއް އެ ޓީމަކަށް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް ރިއަލް ސްޓާސްއަށް އޮތީ ސެމީގެ ޖާގަ ހޯދުމުގެ ފުރުޞަތު ތަނަވަސް ވެފައެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި އަހުލީގެ މައްޗަށް ރިއަލް ސްޓާސް އިން ކާމިޔާބު ހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރިއަލް ސްޓާސް އިންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ޖަހައިދިނީ އުފާލް އަބްދުﷲ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހުލީގެ ސަނާން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ހަމަހަމަ ނަތީޖާއިން ދެވަނަ ހާފު ފެށި ނަމަވެސް ރިއަލް ސްޓާސް އިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ކައިރިކައިރީ ދެ ލަނޑުޖަހައި ލީޑު ނަގާފައެވެ. އެ ޓީމްގެ ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި ހުސެއިން ހާޒިމް ޖަހައިދިންއިރު، އޭގެ ތިން މިނެޓް ފަހުން ތައުމީން ނޫހް ވަނީ ރިއަލް ސްޓާސްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ރިއަލް ސްޓާސްގެ ހަތަރުވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ ރަޝީދެވެ. ރިއަލް ސްޓާސް އިން ތިން ލަނޑުގެ ލީޑެއް ނެގިތާ އެއް މިނެޓް ފަހުން އަހުލީން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހީ މުހައްމަދު ހާލިދެވެ. އޭގެ ދެ މިނެޓް ފަހުން އަހުލީގެ ތިންވަނަ ލަނޑު ޖަހައިދިނީ ނާއިލް ޔޫސުފެވެ.
މި މެޗުން ރިއަލް ސްޓާސް މޮޅުވުމުން ގްރޫޕް އޭއިން ސެމީގެ ޖާގަ ވަނީ ޔުނީފޯމަށް ވެސް ޔަގީން ވެފައެވެ. މި ގްރޫޕްގެ އެއްވަނާގައި މިވަގުތު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ރިއަލް ސްޓާސް އޮތްއިރު ޔުނީފޯމް ދެވަނާގައި އޮތީ ހަތް ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ ފަހު މެޗުގައި ޔުނީފޯމް ނުކުންނާނީ ޔޫތު ފްރެންޑްސް އާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ގްރޫޕް އޭގެ އެއްވަނަ ހޯދުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރިއަލް ސްޓާސްގެ ޖޯޒީ ނަމްބަރު 57، އުފާލް އަބްދުﷲ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބާއި ފަލްކަންއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!