މިފެށެނީ ދިވެހިންގެ ރަށްވެހިކަމުގެ އާ ޒަމާނެއް ކަމަށާއި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ފަސް އަހަރުތެރޭ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ހަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުންނަށްޓަކައި ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުއެއް ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ފަށަން މިސަރުކާރުން ވާނީ ނިންމާފައި ކަމަށާއި، އެއީ މިހާރު މިއޮތް ހުޅުމާލޭގެ ތިން ހުޅުމާލެވަރުގެ ތަނެއް ކަމަށެވެ.

އޭގެ އިތުރަށް ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އައު ސަހަރުތަކެއް ރައްޔިތުންނަށް ހަދިޔާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފައްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

''ރަސްމާލެ ވާނީ ނިކަން ވިންދު ހުރި ސިޓީއަކަށް، ރާއްޖޭގައި އެކަންޏެއްނޫން ދުނިޔޭގައި ވެސް ނަންވިދާލާ ނަމޫނާ ސިޓީއަކަށް، ރަސްމާލެ ތަރައްގީކުރާނީ ތިމާވެއްޓާ ރަށްޓެހި ޒަމާނީ ޑިޖިޓަލް ސްމާޓް ސިޓީއެއްގެ ގޮތުގައި، އެހެންވީމަ މިފެށެނީ ދިވެހިންގެ ރައްވެހިކަމުގެ މުޅުން އައު ރަން ޒަމާނެއް، މިއީ މުޅިން އެހެން ފެންވަރެއް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ރަސްމާލެއާ ގުޅިފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރުފަޅުން އިތުރަށް ހިއްކާ ބޮޑު މިބާއި މިހާރު މިއޮތް ހުޅުމާލެއާއިއެކު ދިވެހިންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދެވޭނެއެވެ.

''ހަމަ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުއާއެކު މުޅިރާއްޖޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނަން'' ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ރަސްމާލެ" ރައީސް އިފްތިތާހުކޮށް ދެއްވައިފި

ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ''ރަސްމާލެ'' ހިއްކުމުގެ މަޝްރޫޢު އެމަނިކުފާނު އިފްތިތާހުކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ.

ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ރައީސް އެދުވަހު ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.