ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުންދިޔަ ހަސަން މަމްދޫހް (މަންޑޭ) އާއި އޭނާގެ އަންހެނުންގެ މުއްސަނދި ދިރިއުޅުމުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރުމުން އެންމެން ހައިރާންވެއްޖެ އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ ހާމަ ކުރައްވައިފަ އެވެ.
ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އަށް މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ. އެ ތަކެއްޗާއި ހުޅުމާލޭގައި މަންޑޭ ދިރިއުޅެމުންދިޔަ އަގުބޮޑު ޕެންޓް ހައުސް އެޕާޓްމެންޓް ފުލުހުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެފްޑަބްލިއު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ އެ އެޕާޓްމެންޓުގެ އަގު 7.8 މިލިއަނަށް އަރަ އެވެ. އެ ޕެންޓްހައުސް ގަނެފައިވަނީ ކޭޕާކްގެ ދެ އެޕާޓްމެންޓެއް ހަތަރު މީހުންނަށް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ އެ އެޕާޓްމެންޓް ފުލުހުން ބަލައި ފާސްކޮށް އެ ތަނުން ހިފެހެއްޓި މުދަލުގެ އަގު ޖުމްލަ ހަތް މިލިއަނަށް ވުރެ ގިނަ ކަމަށެވެ. ބައެއް އަގުބޮޑު މުދަލުގެ ތަފްސީލްތައް އޭނާ ހިއްސާކުރެއްވި އެވެ.
އެގޮތުން ލަގްޒަރީ އަތް ދަބަސްތަކުގެ އަގު 90،000 ޑޮލަރު އަރާ ކަމަށާއި އޭގެ ތެރޭގައި 40،000 ޑޮލަރާއި 50،000 ޑޮލަރަށް ގަތް ދަބަސް އެބަހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި 10،000 ޑޮލަރާއި 15،000 ޑޮލަރަށް ގަނެފައިވާ ގަހަނާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން 200 އަށް ވުރެ ބްރޭންޑެޑް ސެންޓުފުޅި ވެސް އެތަނުން ހިފަހައްޓާފައިވެ އެވެ.
"އެ ތަނުގައި ހުރި މުދަލާއި އެ އެޕާޓްމެންޓު ގަންނަން ހޭދަކުރި ފައިސާ އެއްކޮށްލީމާ، ދައުލަތުގެ އިދާރާއެއްގެ ބަޖެޓުގެ އަހަރަކު ހޭދަ ކުރާ ފައިސާއަށް ވުރެ އިތުރު،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް ތަހުގީގު ފުރިހަމަ ކުރެވިފައިވާ މިންވަރަށް ބަލާއިރު، ކޭޕާކްގެ 41 އެޕާޓްމެންޓު 107 މީހުންނަށް ވިއްކާފައިވެ އެވެ.
މަންޑޭގެ މައްޗަށް ކުރަން ނިންމާފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި ސައްހަ ނޫން ލިޔުމުގެ ދައުވާއާއި އޮޅުވާލުމުގެ ކުށުގެ ދައުވާއާއި ޓެކުގެ ދައުވާ ކުރަން ވިސްނާ ކަމަށް ޕީޖީ ވިދާޅުވި އެވެ. މި ހުރިހާ ދައުވާތަކެއް ކުރަން ނިންމާފައިވަނީ ކޮންމެ ހާދިސާއަކަށް ވަކިވަކިން ކަމަށް ވާތީ، މަންޑޭގެ މައްޗަށް 255 ދައުވާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަހުގީގަށް މަންޑޭ ހައްޔަރުކުރި އެވެ. އެކަމަކު ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!