ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ފްލެޓްތަކުގެ މައްސަލައިގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ)ގެ މައްޗަށް 225 އެއްހާ ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުގެ ފަރާތުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި މަންޑޭގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އަދި ދައުވާތައް އެހާ ގިނައީ އޭނާގެ ހީލަތްހެދި ކަމަށް ތުހުމަތުވާ އެންމެންގެ މައްސަލަތަކުގައި ވަކި ދައުވާތައް ކުރަން ނިންމާފައިވާތީ އެވެ.

Ad
rt

މަންޑޭ ހިންގާފައިވާކަމަށް ތުހުމަތުވާ މި ހީލަތުގެ ތެރެއިން 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން ބެލެވޭ ކަމަށް ޕީޖީ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދައުވާ ކުރަނީ ނިމިފައިވާ މީހުންގެ މައްސަލަތަކުގައި އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ. އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ. ހަންބޯ މޯލްޑިވްސްއަކީ ހަންބޯ ޓެކް ކޮރެއާގެ ރާއްޖޭގެ އެޖެންޓެވެ.

ކޭޕާކް ރެސިޑެންސްއަކީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ. ހުޅުމާލޭގެ ވަރަށް ރީތި ހިސާބެއްގައި 14 ބުރިއަށް ހަދާ މި ތަނުގައި 110 އެޕާޓްމަންޓް ހުރެއެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ބޮޑެތި އެޕާޓްމަންޓުތަކެކެވެ.