ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހާޒިރުވީ މަޖިލިސް ތަމްސީލްކުރަން ކަމަށް ވި ނަމަވެސް އެ އޮފީހުން ވާހަކަ ދެއްކީ މަޖިލީހުގެ ނިންމުމާ ދެކޮޅަށެވެ
އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓުނަސް އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން ކޮންމެހެން ލާޒިމެއް ނޫނެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭކަން ފާހަގަކޮށް، ދައުލަތުން ބުނީ އިތުބާރު ނެތްކަމުގެ މައްސަލަ އަވަހަށް ނިންމުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމުން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ.
ދައުލަތުން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.
ނަމަވެސް މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ އެކަމުގައި އޮތް ހައްލަކީ ގަވާއިދު އިސްލާހު ކުރުން ކަމަށެވެ. އަދި އެގޮތަށް ލަފާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!