ފެނަކަ ކޯޕަރޭޝަންގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު 8،126 އަށް އަރާ ކަމަށާއި އެމީހުންނަށް މަހަކު 82 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުން ކަމަށެވެ. ނަމަވެސް މިއަދު މިހާތަނަށް 8،126 މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 5،370 މުވައްޒަފުންގެ އިތުރުވުމެކެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު މި މުވައްޒަފުންގެ މުސާރަ އަށް މަހެއްގެ މައްޗަށް ހަރަދު ކުރެވެނީ 23 މިލިއަން ރުފިޔާއެވެ. އެކަމަކު، މިހާރު ފެނަކައިގައި ތިބި މުވައްޒަފުންނަށް މަހެއްގެ މައްޗަށް 82 މިލިއަން ރުފިޔާ ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވަނީ، ފެނަކައިގެ މުވައްޒަފުން ކުރާ މަސައްކަތް ލުއިވެ، އެއް ކަމަކަށް މަދު މުވައްޒަފުން ބޭނުންވާ ގޮތަށް އެ ފަސޭހަ މިހާރު އައިސްފައިވީ ނަމަވެސް، މުވައްޒަފުންގެ އަދަދު އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"މިސާލަކަށް ކުރިން ބިލު ތައްޔާރުކުރުމާ، ކުރިން ގޭގެއަށް ބިލު ފޮނުވުމުގެ މަސައްކަތް މިހާރު ހުރީ ވަރަށް ބޮޑުތަނުން ލުއިފަސޭހަ ވެފައި. ނަމަވެސް، އެ ލުއިފަސޭހަކަން ލިބިގެން ދިޔައިރު، ކުރިން އެ މަސައްކަތް ކުރުމަށް، ފެނަކައިގެ ބްރާންޗެއްގައި ހަތް މުވައްޒަފުން ތިބޭ ކަމަށްވާ ނަމަ، މިއަދު އެ އަދަދު 40އާ ގާތް ކުރާ ވަރަކަށް އެބަތިބި،" ފިރުޒުލް ވިދާޅުވިއެވެ.
"މުވައްޒަފުން އޭގެ ޒާތުގައި ކުރަން ޖެހޭ މަސައްކަތްތަކަށް ލުއިކަން ލިބިގެން ދިޔަ އިރުގައި ވެސް މި އަދަދު ވަރަށް ބޮޑު ތަނުން އިތުރު ކުރެވިފައިވާ ކަން ފާހަގަ ކުރެވޭ،"
ފިރުޒުލް ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،126އަށް އަރާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 8،600 ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އެންމެ ހައިރާން ކުރުވަނިވި ކަމަކަށް ފެނުނީ މި އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ.
ފެނަކަ ކުންފުނީގެ ހާލަތާ ގުޅޭޭ ގޮތުން ފިރުޒުލް ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާ އިރު، އޭގެ ތެރެއިން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ސަޕްލަޔަރުންނާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ކަމަށެވެ. އަދި 1،000 އަށް ވުރެ ގިނަ ފަރާތްތަކަށް ފައިސާ ނުދީ ހުރި ކަން ފާހަަވެފައިވާ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!