ހއ. ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ، އެ އަތޮޅު މާރަންދޫގައި ލެބޯޓަރީއެއް ތަރައްގީ ކުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުއެއްގެ ގޮތުގައި އަލަށް ފެށުމަށް މި ދެ ރަށުގައި ހިމަނާފައި ހުރި މަޝްރޫޢުތަކަށް ބަލާއިރު، މާރަންދޫގައި ލެބޯޓަރީ އެއް ތަރައްގީ ކުރުމަށް 1،000،000 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި އެރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުން ވެސް އައު މަޝްރޫޢުއެއްގެ ގޮތުގައި ބަޖެޓްގައި ހިމަނާފަވެއެވެ.
މީގެ އިތުރުން ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 350،000،00 ރުފިޔާ ވަނީ ހިމަނާފައެވެ.
މުރައިދޫގައި ވެސް އައު މަޝްރޫއެއްގެ ގޮތުގައި ލެބޯޓަރީ އެއް ތަރައްގީ ކުރުމަށް 1،000،000 ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، އިތުރު އައު މަޝްރޫޢެއްގެ ގޮތުގައި އެރަށު ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އަޅަން ވެސް ބަޖެޓް ކޮށްފަވެއެވެ. އެ މަޝްރޫޢުއަށް ބަޖެޓްކޮށްފައި ވަނީ 800،000 ރުފިޔާއެވެ.
އެ އަތޮޅު އިހަވަންދޫގައި އައު މަޝްރޫޢެއްގެ ގޮތުގައި ހިމަނާފައި އޮތީ، މިސްކިތެއް އިމާރާތް ކުރުމެވެ. އެ މަޝްރޫއަށް 650،000 ރުފިޔާ ބަޖެޓްކޮށްފަ ވެއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ)ގެ މަޝްރޫޢުތައް ހިންގަން 8.6 ބިލިއަން ރުފިޔާ ހިމަނާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!