ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ އެއްވަނަ ހޯދާ ފަރާތަކަށް ތިން އުމްރާ ދަތުރު ދިނުމަށް ނިންމައިފިއެވެ.
މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިޑްލް ސްޕޯޓްސް ކުލަބުން، މި އަހަރު މުބާރާތް މުޅި އަތޮޅަށް ހުޅުވާލާނެކަން ވަނީ އިޢުލާން ކޮށްފައެވެ. ވުމާއިއެކު މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ނަމުގައެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނައަށް ހޮވުނު ފަރާތަށް ވަނީ ދެ އުމްރާ ދަތުރު ދީފައެވެ. މި އަހަރު މުބާރާތުގެ އެއްވަނައަށް ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައިވާއިރު، މި އަހަރުގެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކުން ބޭނުންވާ ދެ ބޭފުޅެއް އެ ދަތުރުގައި ބައިވެރި ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މިޑްލް ސްޕޯޓްސް ކުލަބްގެ އޮފީހަށް ހުށަހެޅުމަށް އެ ކުލަބުން އެދިލައްވައެވެ. ފޯމް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އީމެއިލް ކުރައްވާނީ (audition@middlesportsclub.com ) އަށެވެ.
ދިއްދޫއިންނަމަ ފޯމް ލިބިލައްވާނީ މިޑްލް ސްޕޯޓްސް ކުލަބުގެ އޮފީހުންނެވެ. އަތޮޅުގެ އެހެން ރަށްރަށުގެ، ރަށު ކައުންސިލް ތަކުން ފޯމް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ފޭސްބުކް ޕޭޖުން ފޯމާއި މުބާރާތުގެ ގަވައިދު ޑައުންލޯޑް ކުރެވޭނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ 01 ޖަނަވަރީ 2024 އަށް 13 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތުގައި ބައިވެރިވެވޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ކީރިތި ޤުރުއާން ފަރިތަކަމާއިއެކު ބަލައިގެން ކިޔަން އެނގުމާއި ޚަތިމުގެ އެންމެ ފަހަތު ތިންފޮތް (30،29،28) ނުބަލާ ކިޔަން އެނގުމުގެ އިތުރުން ހއ.އަތޮޅުގެ ރައްވެއްސަކަށް ވުން ހިމެނެއެވެ.
މުޅި ހއ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުން ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ. ނަމަވެސް މުބާރާތުގެ 20 ޖާގައިގެ ތެރެއިން ތިން ޖާގަ ދިއްދޫއަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ.
މުޅިއަތޮޅަށް ހާއްސަކުރާ 17 ޖާގައަށް ވާދަކުރުމުގެ ފުރުޞަތު ދިއްދޫގެ ބައިވެރިންނަށް ވެސް ލިބިގެންދާނެއެވެ. ސަތާރަ ބައިވެރިން ސެލެކްޓް ކުރުމަށް ފަހު ދިއްދޫއަށް ހާއްސަކުރާ ތިން ޖާގައަށް ނަގާނީ 17 ބައިވެރިންގެ ތެރޭ ނުހިމެނުނު ފަރާތްތަކުގެ ތެރެއިން ދިއްދޫއަށް ނިސްބަތްވާ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ބައިވެރިންނެވެ. މިމުބާރާތުގެ ތިން ޖާގައެއް ދިއްދޫއަށް ހާއްސަ ކޮށްފައި ވަނީ މުބާރާތް ހޯސްޓްކޮށް ހިންގާ ރަށްކަމަށް ވާތީއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!