އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބުވެއްޖެނަމަ، ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓު، ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، "ކަށަވަރު ބޯހިޔާވަހިކަން" ނަމުގައި ޖުމްހޫރީ ޕާޓީން ރޭ ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
ވީޓީވީއިން ލައިވް ކުރި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ. އަމީން ވިދާޅުވީ، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވެރިކަން ކާމިޔާބު ކުރެވިއްޖެނަމަ އެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
"ކަށަވަރު ބޯހިޔާވަހިކަން" މި މައިގަނޑުގެ ދަށުން ޤާސިމް ވެވަޑައިގެންފައިވާ ވައުދުތަކަކީ، ވަރަށް ބައްލަވާފަ އަދި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ ވެވަޑައިގަންނަވާ ވައުދުތަކެއްކަން ގަބޫލުކުރެއްވޭކަމަށް އަމީން ވިދާޅުވިއެވެ.
ޑރ. އަމީން ރޭ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިއަދަކު އެކަނި އޮތްކަމެއްނޫން ކަމަށާއި، އެއީ ރާއްޖޭގަ ވަރަށް ކުރީއްސުރެ ފެށިގެންވެސް އޮތް މައްސަލައެކެވެ. އަދި މިއަދު ރާއްޖޭގައި ގެދޮރުގެ ކަންތައްތައް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގައި ހުރިހާ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެއަށް ޑިމާންޑްކުރާ، އެކަމަށް ބޭނުންވާކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
''އެހެންވީމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުވުމަކީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މާތްﷲގެ ވާގިފުޅާއެކުގައި އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން ކަށަވަރުކަންދޭ ކަމެއް. އެކަން އަޅުގަނޑުމެން ކުރާނަން'' އަމީން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ތެރޭގައި ރިޔާސީ ދައުރުގައި 30 ހާސް ހައުސިން ޔުނިޓް އަޅައި، ބޯހިޔާވަހިކަމަށް ބޭނުންވެ، ނުލިބިތިބި އެންމެނަށް ބޯހިޔާވަހިކަން ދިނުމަށް ހިމަނާފަވެއެވެ. މީގެ އިތުރުން ގްރޭޓާ މާލޭ އޭރިިިއާގައި 15 ހާސް ހައުސިން ޔުނިޓް އަދި އަތޮޅުތަކުގައި 15 ހާސް ހައުސިން ޔުނިޓް އަޅައި ނިންމަން ވައުދުވެފަވެއެވެ.
''ޤާސިމް-އަމީން 2023'' މެނިފެސްޓޯގައި އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި، ކުރިން ބޯހިޔާވަހިކަން ނުލިބިފައިވާ ފަރާތްތަކަށް، 18 ހާސް ހައުސިން ޔުނިޓް ''ފުރަތަމަ ގެދޮރު'' ނަމުގައި ދޫކުރަން ވަނީ ހިމަނާފައެވެ. އަދި މިނޫންވެސް މިދާއިރާގެ ގިނަ މުހިންމު ވައުދުތަކެއް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!