މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހަމަޖައްސަވައިފިއެވެ.
އެ ކޯލިޝަނުން އެކަން ކަށަވަރުކޮށްދެއްވާ ވަނީ ޓްވީޓު ކުރައްވާފައެވެ.
އެ ޓްވީޓުގައި ބުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި ކަމަށެވެ. އަދި ރަނިންގމޭޓަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލު، ދައުރުގެ ވަކި ހިސާބަކުން އެ މަގާމުން ދުރުކުރީ ރައީސް ޔާމިނަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ވޯޓަކުންނެވެ.
އެއަށްފަހު ޔާމިނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކަށް ޑރ. ޖަމީލު ވެވަޑައިގެންނަމަވެސް މިފަހަކަށް އައިސް ރާގު ބަދަލުވެ، ޑރ. ޖަމީލު ގެންދަވަނީ ޔާމީނަށް ތައުރީފު ކުރައްވަމުންނެވެ. އަދި ޑރ. ޖަމީލަކީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!