ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރ، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޤާސިމާއި ނާޒިމަކީ ވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ނުރަސްމީ ކެމްޕޭން ވެސް ވަނީ މިހާރު ފަށާފައެވެ.

Ad
rt

މި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޤާސިމްގެ ވިލާ ޕާކު (ސަން އައިލެންޑު ރިސޯޓު) ގައެވެ. މި ބައްދަލުވުމުގައި ނާޒިމްގެ އަރިހުގައި އެމްއެންޕީގެ ދެ ނައިބު ރައީސުން ކަމަށްވާ އެ ޕާޓީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟާއި، އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ދެ ޕާޓީން ވެސް މިހާތަނަށް އެއްޗެއް ނުބުނެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަހްމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީ ޤާސިމާއި، އެމްއެންޕީގެ ލީޑާޝިޕާއެކު ވަރަށް މުހިންމު ބައްދަލުވުމެއް ކުރިއަށް ދާކަމަށް ވިދާޅުވެފައެވެ.

ޤާސިމާއި، ނާޒިމްގެ ބައްދަލުވުމެއް މިއަދު ކުރިއަށް ދިޔައިރު މިދިޔަ ހަފްތާގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަފްދެއް ވެސް ވަނީ ޤާސިމާއި ބައްދަލުކުރައްވާފައެވެ.

އެމްއެންޕީގެ އެއް ދެ ފައުންޑާއިން ކަމަށް ވާ ނާޒިމާއި، ރިޔާޟަކީ ކުރިން ޖުމްހޫރީ ޕާޓީގައި ޤާސިމް ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ފަހުން އެ ދެބޭފުޅުން ޖޭޕީން ވަކިވެ، 25 އޮކްޓޯބަރު 2021 ގައި ވަނީ އެމްއެންޕީ އުފައްދަވައި ސިޔާސީ މަސައްކަތް ފައްޓަވާފައެވެ.