ރައްޔިތުންގެ މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރައްވަމުންދަނީ ވަރަށް ހުދުމުޚްތާރުކޮށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރުު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިއީ ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލުން ކަމަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި އޮތުމަކީ މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް އުޒުރު ދެއްކެވޭނެ ކަމެއް ނޫން ކަމަށެވެ.

Ad
rt

އެހެންވެ، އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް އިތުބާރު ނެތްކަމަށް ފެނުމުން ރީތި ގޮތަކީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުން ކަމަށެވެ.

މީގެ އިތުރުން މަޖިލިސް ހިންގޭނެ ގޮތެއް ހޯދުމަށް ކޯޓަށް ދާނީ އެއްވެސް ގޮތެއް ނެތިއްޖެ ކަމަށާއި ވާހަކަ ދައްކައިގެން އަދި ދޫދެވެން އޮތް ކަންކަމަށް ދޫދެއްވައިގެން ކަންކަން ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަކަަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ދައުވަތު ދިނީ ވަރަށް ވަގުތު ކުޑަތަންވެފައި އޮއްވާ ކަމަށާއި މިއަދުގެ ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ވަގުތަށާއި ހާލަތަށް ވެސް އެއްވެސް ރިޔާއަތް ކުރުމެއްނެތި ޖަލްސާ ނިންމާލީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ބަދަލު އަންނަކަން އެނގޭނީ މަޖިލީހުގެ ޖަލްސާ ފެށުމުން ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ގެ 29 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ވެސް ވަނީ ގާތްގަޑަކަށް 3 މިނެޓަށް ފަހު ނިންމާލާފައެވެ.

މިއަދުގެ ބޭއްވި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީތަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި އޭނާ ވިދާޅުވީ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބަދަލުތަކެއް އަންނާނެތީވެ، ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެވޭނީ އެ ރިޕޯޓް އަލުން މެންބަރުންނަށް ފޮނުވައި، އިސްލާހު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

މަޖިލީހުގައި މެންބަރުން ތަމްސީލް ކުރާ ގޮތަށް އައި ބަދަލުތައް އިއުލާންކުރައްވަމުން އަފީފު ވިދާޅުވީ އެމްޑީޕީގެ 54 މެންބަރުން، އަމިއްލަގޮތުން 18 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން އެބަތިއްބެވި ކަމަށެވެ. އަދި ޕީއެންސީގެ 3 މެންބަރުންނާއި އެމްއެންޕީގެ 3 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 2 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުން އެބަތިއްބެވި ކަމަށެވެ.