ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގެ އުތުރުގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމުގައިވާ އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ވެސް މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެކަމަށް 1 ހެކްޓަރުގެ ބިން އެރަށުން ހޯދަން ސަރުކާރުން ހުށަހެޅުމުން 29 ޑިސެމްބަރު 2022 ވަނަ ދުވަހު އޮތް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާއިން ވަނީ އެ ބިން ހިލޭ ދިނުމަށް ފާސްކޮށް، އެކަން ސަރުކާރަށް އަންގާފައެވެ.

Ad
rt

މަސްވެރިން ބާނައިގެން ގެންނަ މަސް ފަސޭހަކަމާއެކު ދޯނިން ބާލައިގެން މަސް ގަންނަ މަރުކަޒަށް ކިރުވުމަށް އަދި މަސް ގަންނަ މަރުކަޒުގައި ފްރީޒް ކުރާ މަސް ފަސޭހަކަމާއެކު މަސް އުފުލާ އުޅަނދުތަކަށް އެރުވުމަށް ފަސޭހަވާނޭހެން، މަސް ގަންނަ މަރުކަޒު އަޅަން ހަމަޖައްސާ ބިން އެރަށުގެ ބަނދަރާއި ކައިރިން ނުވަތަ ބަނދަރާއި އިންވެގެން ހަމަޖައްސައި ދިނުމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން އިހަވަންދޫ ކައުންސިލްގައި އެދިފައިވާތީ އެކައުންސިލުން މި ބިން ދޫކުރަން ނިންމާފައި ވަނީ އެރަށުގެ ބޯޑު ޔާޑުގެ އިރުންނެވެ.

ނަމަވެސް މިހާހިސާބަށް އައިއިރުވެސް އެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށިފައިނުވާތީ، މެންބަރު ޝިފާޢު ވަނީ މި މަސައްކަތް ލަސްވަނީ ކީއްވެގެންތޯއާއި މިމަސައްކަތްފަށައި އުތުރުގެ މަސްވެރިން ކުރަމުންދާ އިންތިޒާރަށް ނިމުމެއްއަންނާނީ ކޮންއިތަކުންތޯ ސާފުކޮށް ދިނުމަށް މަސައްކަތްކޮށް ދެއްވުންއެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މިކަމާއިގުޅިގެން ޝިފާޢު ފޮނުއްވި ސިޓީގައި ވަނީ ވޭތުވި 3 އަހަރެއްހާ ދުވަހަކީ ރާއްޖޭގެ ތާރީޚްގައި ވެސް އެންމެ ގިނަ މަސްބާނައި، މަސް ގަނެފައިވާ ތިން އަހަރުކަން ފާހަގަ ކުރައްވާފައެވެ. އަދި ތަފާސްހިސާބުތަކާއި ހަވާލާދީ ރާއްޖޭގެ ސަރަހައްދުގައި ކަޅުބިލަމަހުގެ މަސްވެރިކަން ކުރިއަރަމުން އަންނަކަމަށާއި، އަދި ބާނާ މަހުގެ އަދަދު ވެސް މަހުންމަހަށް އިތުރުވަމުން އަންނަކަމަށް ޝިފާޢު ވަނީ ފާހަގަ ކުރައްވާފައެވެ.

އެ މަސައްކަތް ލަސްވާ ސަބަބު އޮޅުން ފިލުވަން މަޖިލިސްއަށް ސިފާއި ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ރާއްޖެއަށް ބާނާ ކަޅުބިލަ މަހުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އައިނަމަވެސް މި ކުރިއެރުން ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިންނަށް ލިބެމުން ނުދާކަމަށެވެ. އަދި ރާއްޖޭގެ އެންމެ އުތުރުން ކަޅުބިލަމަހުގެ މަސްވެރިކަން އެކީގައިހެން ނެތިހިނގައިދާނޭ ކަމުގެ ބިރުވެރިކަން އޮތް މިންވަރަށް އެ ސަރަހައްދުތަކުގައި ކަޅުބިލަ މަހުގެ މަސްވެރިން މިހާރު ދަށްވެފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ބާނާ މަސްކޮޅު ކިރޭނެ އިންތިޒާމެއް ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިންނަށް ނެތުމުން އެ މަސްވެރިން މަސްވެރިކަމަށް ފުރާ އުޅަނދުތައް މަހަށް ފުރުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޝިފާޢު ވަނީ ވިދާޅުވެފައެވެ.

''ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިންނަށް ހުރި ބޮޑެތި ގޮންޖެހުންތަކާއެކު މި ސަރަހައްދުގެ މަސްވެރި ޢާއިލާތައް ބިކަވިޔަނުދީ ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިން ބާނާ ކަޅުބިލަމަސް ގަނެ ރައްކާކުރެވޭނެ މަރުކަޒެއްގެ މަސައްކަތް ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އަވަސްކުރުންކަމުގައި ދެކެން'' ޝިފާޢު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، މަސްވެރިން ބާނާ މަސްކޮޅު ކިރޭނެ އިންތިޒާމެއް ކައިރި ސަރަހެއްދެއްގައި ނެތުމަކީ މަސްވެރިންނަށް މަހަށް ފުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އަދި މަސް ކިރުވުމަށް ދުރަށް ދަތުރުކުރަންޖެހުމަކީ އެކަމަށް އެތައް ތެލެއް ހޭދަވެ، މަހުގެ ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުންވާ އައިސްގެ އަށް ކުރަންޖެހޭ ހޭދައަށް ބަލާއިރު މަސްވެރިންނަށް ލިބޭ އާމްދަނީން ދެކޮޅުޖެހޭކަމެއް ނޫންކަމަށް އޭނާ ވިދާޅުވެފަވެއެވެ. މީގެ އިތުރުން މަސްވެރިކަން ހުންނަ ދުވަސްވަރެއްގައި ދަތުރަށާއި، މަސް ގަންނަ މަރުކަޒުގައި ހޭދަކުރާންޖެހޭ ވަގުތަށް ބަލާއިރު މަސްވެރިންނަށް ލިބެންވާ މަންފާ އެތައް ގުނައެއް ދަށްވެގެންދާކަމަށް ޝިފާއު ވަނީ ފާހަގަ ކުރައްވާފައެވެ.

''ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިން ބިކަވިޔަނުދީ ސަލާމަތްކުރެވޭނެ ހަމައެކަނި ހައްލެއްކަމަށް ފެންނަނީ ރާއްޖޭގެ އެންމެ އުތުރުގައި ކަޅުބިލަމަސް ގަނެ ރައްކާކުރެވޭނެ މަރުކަޒެއް ގާއިމުކުރުމެވެ. އަދި މިކަމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ތަކުރާރުކޮށް ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިފަދަ މަރުކަޒެއް އެސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމެއް ނުވަތަ އެކަން ރާވާފައިވާގޮތް މަސްވެރިންނަށް ސާފުނުވާކަން ފާހަގަ ކުރަމެވެ.'' ޝިފާއު ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ވަގުތާއި ހާލަތަށް ބަލާއިރު އެކަމަށް އަވަސް ހައްލެއް ވަނީ އަންނަންޖެހިފައެވެ. އަދި މަސްވެރިންނަށް އާމްދަނީ ލިބޭނެ މަގު އަލިވެ، އޮޑިދޯނިފަހަރުގެ ވެރިން ލޯނުތައް ނަގައިގެން ކޮށްފައިވާ އިންވެސްޓްމަންޓްތައް ސަލާމަތްކޮށްދޭންޖެހޭކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

''އެހެންކަމުން ރާއްޖޭގެ އެންމެ އުތުރުގައި ސަރުކާރުން ގާއިމު ކުރާނޭ ކަމަށް ތަކުރާރުކޮށް ބުނަމުންދާ މަސްގަނެ ރައްކާކުރާ މަރުކަޒުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯއާއި، މި މަަސައްކަތްފަށައި އުތުރުގެ މަސްވެރިން ކުރަމުންދާ އިންތިޒާރަށް ނިމުމެއް އަންނާނީކޮން އިރަކުންތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީ މެދުވެރިކޮށް ސާފުކޮށް ދެއްވުން އެދެމެވެ.'' މަޖިލީހަށް ޝިފާއު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފަވެއެވެ.