މާލެ އަތޮޅު ހުރާގައި މި ރަމްޟާން މަހު ކުޅުނު އެމްއޭކަޕް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމ،ްޕިއަންކަން ޓީމް ތްރީޑީ ހޯދައިފިއެވެ.
ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީކޯޓުގައި ކުޅެވުނު މި މެޗުގައި ތްރީޑީ ބައްދަލުކުރީ އަވަށްޓެރި ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ދީޕްތީ އާއި މިހާރުގެ ކެޕްޓަން އިސުރު އަދި ލަންކާގެ ގައުމީ ޓީމް ކޯޗު ޗަންނަ ޖައެސޭކަރަ ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލްސް އާއެވެ.
އެހެންނަމަވެސް ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުގެ މައްޗަށް ދިވެހި ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ތްރީޑީ ކުރިހޯދީ ދިވެހި ކުޅުންތެރިންގެ ހުނަރާއި ކުޅިވަރުގެ ފޯރި ސާކް ސަރަހައްދުގެ ޓީމްތަކަށް ވެސް ދޫނުދޭނެކަމުގެ ޔަގީންކަމާ ހިތްވަރު ދައްކަމުންނެވެ.
މުބާރާތުގެ ގުރޫޕު ސްޓޭޖުގެ އެއްވެސް މެޗަކުން ބަލިނުވެ، އޮތް ތުލުސްދޫގެ ބުލެކް އީގަލްގެ މައްޗަށް، ހުރާގެ ޓީމް ތްރީޑީ ކުރި ހޯދުމުގައި ދިވެހި ގައުމީ ޓީމުގެ ތިން ކުޅުން ތެރިންގެ ހުނަރާއި ގުޅުން ފެނިގެން ދިޔައެވެ. މިގޮތުން ފުރަތަމަ ސެޓް ފަށައިގެން ތަޖުރިބާކާރު ސެޓަރ ބުޅިކެގެ ހިތްގައިމު ސެޓިންތަކުން ޕާޓޭގެ ބާރު ހަމަލާތައް އިދިކޮޅު ޓީމުގެ ކޯޓަށް ފޮނުވާލީ ވަރަށް ރޭވުންތެރި ކާމާއެކުގައެވެ.
ހަމަ މި ސެޓުގައި ޓޯއީގެ ވަރުގަދަ ބުލޮކް ތަކެއްފެނިގެން ދިޔައެވެ. މިސެޓް ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު 22/25 ޓީމް ތްރީޑީ ހޯދިއެވެ. އެކަމަކު ބުލެކް އީގަލްސް އިން ކުޅުން ރަނގަޅުކޮށް ދީޕްތީ އާއި އިސުރުގެ ތަޖުރިބާއާއެކު ދެވަނަ ސެޓް 21/25 ބުލެކް އީގަލްސް ކާމިޔާބު ކުރިއެވެ. ތިންވަނަ ސެޓު ވެސް ތްރީޑީ ހާސްކަމުގެ ތެރެއަށް ވައްޓާލުމަށްފަހު 26/28 ޓީމް ބުލެކް އީގަލްސް އިން ކާމިޔާބުކޮށް ހަމަޖެހުމުގެ ނޭވާއެއްލިއެވެ.
އެހެން ވުމާއެކު ޓީމު ތްރީޑީއަށް އިތުރަށް ޕުރެޝަރ ބޮޑުވެގެން ދިޔަނަމަވެސް ހިތްވަރު އެލުވާނުލާ ޓީމް ތްރީޑީ އިން ބުޅިކެ ތަޖުރިބާ އާއެކު ކުރުކޮށް ހިއްލައި ޓޯއީގެ ބޭނުން ހިފައި ކޯޓުގެ މެދުން ހަމަލާ އުފައްދައި، ފަހަތުން ޕާޓޭލައްވާ "ބެކް ކޯޓް އެޓޭކް" ވަރުގަދަކޮށް ހަތަރުވަނަ ސެޓް 19/25 ފަސޭހަކަމާއެކު ޓީމް ތްރީޑީ ކާމިޔާބުކޮށް ތަޖުރިބާކާރު ކޯޗް ހުރި ޓީމް ބުލެކް އީގަލްސް އިތުރަށް ހާސްކަމުގެ ތެރެއަށް ވަށްޓާލިއެވެ.
މި މެޗު ފަސްވަނަ ސެޓަށް ދިޔައިރު ދެޓީމުގެ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނިގެން ދިޔައެވެ. ވުމާއެކު ސެޓް ފަށައިގެން ބުލެކް އީގަލްސް އަށް ރަނގަޅަށް ހަމަޖެހިނުލެވެނީސް، ޓީމް ތްރީޑީއިން ލީޑުނަގައި 10/15 ސެޓް ކާމިޔާބުކޮށް އެމް.އޭ ކަޕްގެ ފަޚުރުވެރި ޗެންޕިއަންކަން ހޯދިއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިމިގެން ދިޔަ ފޯރނޭޝަން ކަޕުގައި ރާއްޖޭގެ ގައުމީ ޓީމުން މޮޅު ކުޅުމެއްދެއްކި، އަދި ރޭގެ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއްދެއްކި ޓީމް ތްރީޑީގެ ޖާރޒީ ނަންބަރު 11 ހަސަން ނިލާމް (ޕާޓޭ) އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ތުލުސްދޫ ދާއިރާގެ މެންބަރު އިބުރާޙިމް ނަސީމް އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ތަންޑަރ ބޯލްޓްގެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ބާސިލް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ލަންކާގެ ގައުމީ ޓީމުގެ ކޯޗް ޓީމް ބުލެކް އީގަލްސްގެ ޗަންނަ ޖައެސޭކަރ އެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް މަންފާގެ މަހޭޝް، ޓީމް ތްރީޑީގެ ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) އަދި ޓީމް ބުލެކް އީގަލްސްގެ ދީޕްތީ އަދި އިސުރުގެ އިތުރުން ބުލެކް އީގަލްސްގެ ލިބަރޯ މުޙައްމަދު ރިއްފަތު (ރިއްފޭ) އެވެ.
މިރޭ މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް އޮންނާނެއެވެ. ބައްދަލު ކުރާނީ މި މުބާރާތުގެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ބިއުޓީސް އާއި ޓީމް މަންފާއެމެވެ.
މިރޭ 8:30 ގައި ކުޅޭ މި މެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!