ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހާމިދު އަބްދުލްޢަފޫރު ތުހުމަތުގެ އިނގިލި ދިއްކުރައްވައިފިއެވެ.
ނޮޅިވަރަމްގައި މި ސަރުކާރުން ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައިވާ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ އަންގާރަ ދުވަހުގެރެއެވެ. 2019 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އެރަށަށް ގެންގޮސްފައި ހުރި މި ޓާފްތަކުގައި ބަޔަކު ރޯކޮށްލީ ޓާފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ.
ނޮޅިވަރަމް ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޓާފްތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލިއިރު އެ ޓާފްތަކުގެ 90 ވަރަކަށް އިންސައްތަ ވަނީ އަނދައި ހުލިވެފައެވެ.
ނޮޅިވަރަމްގައި ހިނގާދިޔަ މި ހާދިސާގެ ފޮޓޯއާއި ވީޑިއޯ ހިމަނުއްވައި މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓަކަށް ރަށްދުދެއްވަމުން ހާމިދު ވިދާޅުވީ، ''ތިޔަވާނީ ވަޒީރާ ގުޅިގެން ކުރާކަމަށް'' ކަމަށެވެ.
''ފައިސާކޮޅު ކާލާފައި ޕްރޮޖެކްޓް އަންދާލީމާ ދެވަނަ ބުރަށް ކަޓު ނަގަންވީ'' މިނިސްޓަރު މަހްލޫފަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން ހާމިދު ވިދާޅުވެފަވެއެވެ.
Thiya vaanee vazeeraa gulhigen kuraa kamakah. Faisaakolhu kaalaafai project andhaaleema dhevana burah katu naganvee. https://t.co/e152NfNUQv
— Hamid Abdul Ghafoor (@HamidhAG) January 31, 2023
މި މައްސަލާގައި މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ.
''އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ، އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް'' މަޚްލޫފް ވިދާޅުވެފަވެއެވެ.
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި
ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލި މައްސަލަ އެރަށު ކައުންސިލުންނާއި، އާންމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
ނޮޅިވަރަމް ދަނޑުގެ މަސައްކަތަކީ ވަރަށް ބޮޑަށް ލަސްވެ، ދިގުދެމިގެން ގޮސްފައިވާ މަސައްކަތެކެވެ.
ހާމިދަކީ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަންކަން ކުރިން ކުރެއްވިބޭފުޅެކެވެ. އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރުކަމާއި، ސްޓޭޓް ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ވެސް ފުރުއްވައި، ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް މަގާމުތަކެއްވެސް އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!