ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފިއެވެ.
ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޓާފްތަކުގައި ރޯކޮށްލީ ޓާފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ކަމަށެވެ.
މަޚްލޫފް ވިދާޅުވީ، އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ.
''އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ، އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް'' މަޚްލޫފް ވިދާޅުވެފަވެއެވެ.
ޓާފްތަކުގައި ރޯވެ އަނދަނީ
މި ހާދިސާއާއިގުޅިގެން ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ''ތިލަދުން'' އަށް ވިދާޅުވީ، އެ ޢަމަލު ކައުންސިލުން ކުށްވެރިކުރާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ކައުންސިލަށް ލިބުނީ ރޭ މެންދަމުން އަނބުރާ 3:30 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް ވެސް ވިދާޅުވިއެވެ.
''ދަނޑު މި އޮންނަނީ މޫދާ މާ ދުރުނޫން ސަރަހައްދެއްގައިކަމުން މަސައްކަތް ފެށިތާ ގަޑިއެއްހާއިރުގެ ތެރޭ އަލިފާން ނިއްވާލެވުނު، އެކަމަކު އެތާ ހުރި ޓާފްގެ 90 ވަރަކަށް އިންސައްތަ ވަނީ އަނދާހުލިވެފައި'' މުސްތަފާ ވިދާޅުވިއެވެ.
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފިhttps://t.co/egaBNdyfqs pic.twitter.com/flJgxIYDYK
— Thiladhun (@thiladhun) January 31, 2023
ނޮޅިވަރަމް ދަނޑުގައި ޓާފް އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
ނޮޅިވަރަމުން ވާހަކަދެއްކި ބައެއްމީހުން ބުނީ އެކަން ކުށްވެރިކުރާ ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް އެރަށު މީހުން އެއްވެސް އިރެއްގައި ހިތްވަރުނުދޭ ކަމަށް ވެސް ބުންޏދެވެ.
އެ ޓާފްތަކަކީ ދަނޑުގެ މަސައްކަތްފެށިތަނާހެން ގެނެސްފައި ހުރި، އެތާ ހުންނަތާ އެތައް ދުވަހެއްވީ ޓާފްތަކެއްކަމަށް ވެސް އެމީހުން ބުންޏެވެ. ޓާފް އަޅަން ދަނޑު ބަންދު ކުރުމުން ދިގު މުއްދަތަކަށް ދަނޑުގައި ކުޅެން ނުލިބި، ނޮޅިވަރަމް ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް އޮއްވައި އެ ދަނޑުގައި ޓާފްއެޅުމުގެ ފަހުގެ މަސައްކަތަށް ދެ މީހަކު އެރަށަށް އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ނަމަވެސް ރޭގެ ހާދިސާގައި ޓާފްތައް އަންދާލަމުން ނޮޅިވަރަމްގެ ޒުވާނުންގެ ދިގު އިންތިޒާރު އަނެއްކާވެސް ދަންމާލަންޖެހިފައިވާކަމަށް ވެސް އެމީހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!