އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ދިވެހި ފުލުހުން ޓްރެއިން ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުލުހުންގެ ރޯޑްސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓާއި، އެމްޓީސީސީގެ ޓްރެއިނިންގ ޑިޕާޓްމަންޓް ގުޅިގެން އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ހިންގި މި ޕްރޮގްރާމަކީ ސޭފް ޑްރައިވިންގ އެންޑް ރޯޑްސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމެކެވެ.

Ad
rt

މިދިޔަ ހޯމައާއި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއި ބަހުގެ ޚިދުމަތްދިނުމާ ބެހޭ ގަވާއިދުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭގެ އިތުރުން، ބަސް ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު އުޅަނދު ދުއްވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު، އަދި ހާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

އެމްޓީސީސީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 10 ޑްރައިވަރުން ބައިވެރިިވިއެވެ.

އާރުޓީއެލް ބަހުގެ ޚިދުމަތީ އެ ޚިދުމަތް ތަޢާރަފްކޮށްފައިވާ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރުގައި ލުއިކަމާއި، ފަސޭހަކަން ގެނުވާފައިވާ ޚިދުމަތެކެވެ. އެ ޚިދުމަތް މާލެ ސަރަހައްދުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި މިހާރު އަންނަނީ ފޯރުކޮށް ދެމުންނެވެ. މީގެ އިތުރު ބައެއް ސަރަހައްދުތަކުގައި ވެސް މި ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.