ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު (މޮނިޓަރިން ރިޕޯޓް) ހުށަނާޅާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެ އެވެ.
އީޕީއޭ އިން ވިދާޅުވީ މި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އެ އެޖެންސީން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓްތައް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓްތަކަށް ބޭނުންވާ މަޢްލޫމާތު ހޯދުމުގެ ގޮތުން އެ އެޖެންސީން ހޯދުމަށް އެދޭ މައުލޫމާތުގައި އެކަން ބަޔާންކުރަމުން ގެންދާނެ ކަމަށެވެ.
މި މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫޢުގެ މަސައްކަތް ފެއްޓުމަށް ފަހު، ފެއްޓި ތާރީހް އެ އެޖެންސީއަށް އަންގަވަމުން ގެންދެވުމަށް ވެސް ވަނީ އެދިފަ އެވެ.
ހަމަމިއާއެކު، މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކުން އެ މޮނިޓަރިން ރިޕޯޓުތައް ޝެޑިއުލާއި އެއްގޮތަށް ހުށަހެޅުއްވުމަށް ވެސް ވަނީ އެދިފަ އެވެ.
އީ.އައި.އޭ އާއި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ބަލާ ނިމުމަށްފަހު، މި އެޖެންސީން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު (މޮނިޓަރިން ރިޕޯޓް) ހުށަހަޅަންޖެހޭ ގޮތުގެ ޝެޑިއުލާއި ބަލާނެ ޕެރަމީޓަރސް ހިމަނަންވާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"މިގޮތުގެ މަތިން އީ.އައި.އޭ ރިޕޯޓުތަކާއި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތަކުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރޭވިފައިވާ ޕްލޭނުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޚުލާސާ، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އެޖެންސީއަށް ހުށައަޅަންވާނެކަމުގައި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވިޔަސް، މަޝްރޫޢުތައް ހިންގާ ގިނަ ފަރާތްތަކުން މޮނިޓަރިން ރިޕޯޓް ހުށަހަޅަމުންނުދާކަން ވަނީ ފާހަގަކުރެވިފައެވެ." އީޕީއޭ އިން ވިދާޅުވެ އެވެ.
މީގެ އިތުރުން މަޝްރޫޢުތައް ހިންގާ ބައެއް ފަރާތްތަކުން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫޢުގެ މަސައްކަތް ފެއްޓުމަށް ފަހު، ފެއްޓި ތާރީހް އެ އެޖެންސީއަށް އަންގަމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!