އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި، ބޮޑުތަނުން ޕްރައިމަރީއާއި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރަށްވާނެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، މިރޭ ކުރިއަށްދާ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޖަލްސާގައި ޕޯޑިއަމަށް ވަޑައިގެން ފުރަތަމަވެސް ރައީސް ވިދާޅުވީ، ނުކުމެ ހުންނެވީ އެމްޑީޕީއާއި އެކު ކުރިއަށް ވަޑައިގެން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދެއްވުމަށްކަމަށެވެ.
''އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ވެސް، ތިން ނޫން ފަސް އަހަރަށް'' ވަރަށް ފޯރީގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނުކުމެ ހުންނެވީ 6 އިންތިޚާބެއް ކާމިޔާބު ކުރައްވައި ތަޖުރިބާ ތަކަކާއެކުގަކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލިސްގެ 5 އިންތިޚާބަކާއި، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވާފައިވާކަމަށާއި، އިންތިޚާބު ކާމިޔާބުކުރާނެ ފޯމިއުލާއާއި ރައްޔިތުންގެ ވޯޓު ހޯދާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބު ވެސް ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށެވެ.
''މިރޭ މިތާހުރެ ތިބޭފުޅުންނަށް ފުރަތަމަވެސް އަޅުގަނޑު ހަދާންކޮށްލަދޭން ބޭނުންވަނީ ފުރަތަމަ ފަހަރަށް ކޮންގެރެސްގައި އަޅުގަނޑަށް ރިޔާސީ ކެންޑިޑޭޓުކަން ދިން ދުވަހު އަޅުގަނޑު ދެއްކި ދެ ވާހަކައެއް، އަޅުގަނޑު އެދުވަހު ބުނިން އަޅުގަނޑު ރައްޓެއްސަކު އަޅުގަނޑު ކައިރީ ބުނި ވާހަކައެއް، އޭނަ އޭނަގެ ދަރިފުޅު ކައިރީ ބުނި ވާހަކައެކޭ ކިޔާފަ އަޅުގަނޑު ކައިރީ ބުނީ، ދަރިފުޅާއޭ ބައްޕަ ނޫޅޭ ގޮތަކަށް ދަރިފުޅަކަށް ނޫޅެވޭނޭ އެއްވެސް ކަމެއް ނުކުރެވޭނޭ، އެހެންނަމަވެސް އެއްވެސް މީހެއްގެ އަޅަކަށް ވެގެން ނުވާނޭ، އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށެއް ނުވާނަން'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާހަވެސް ދައްކައި، މަޝްވަރާވެސް ކުރަންވީ ކަމަށެވެ. އަދި އެމަނިކުފާނު ކަން ނިންމާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވިގޮތުގައި އެމަނިކުފާނު ދޫނުކުރަށްވާނެ ތިން ކަމެއް އެބައޮތްކަމަށެވެ. އެއީ އެއްވެސް މީހެއްގެ އަޅަކަށް ނުވުމާއި، އަޑު އެއްސެވުމާއި އަދި އެންމެނަށް ފައިދާވާގޮތަށް ކަން ނިންމެވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!