ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އިތުރު ދެ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
މި ދެ ބޯޓަކީ އޭޓީއާރު މަރުކާގެ ދެ ބޯޓެވެ. މިއީ މޯލްޑިވިންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓު ފަހަރު ގެނައި ފުރަތަމަ ފަހަރެވެ.
މި ދެ ބޯޓު ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސީ މިއަދު ހަވީރު 4:00 ހާއިރުއެވެ. މި ދެ ބޯޓާ އެކު އެ އެއާލައިނުން ބޭނުން ކުރަމުން އަންނަ ބޯޓުތަކުގެ އަދަދު 13 އަށް ވަނީ އަރާފައެވެ.
މި ދެ މަތިންދާބޯޓަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ވެރިންނާއި އެއާޕޯޓްސް ކޮމްޕެނީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ގައުމީ އެއާލައިނުން އަލަށް ގެނެސްފައިވަނީ 72-600 އޭޓީއާރުގެ ބޯޓަކާއި 42-600 އޭޓީއާރުގެ ބޯޓެކެވެ. މިއިން ކޮންމެ ބޯޓަކުން ވެސް 72 މީހުން އެއްފަހަރާ އުފުލޭނެ އެވެ.
މޯލްޑިވިންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓު ފަހަރު އަލަށް ގެނެސްފައިވާއިރު، ދެން އެ ކުންފުނިން ބޭނުން ކުރަނީ ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ ދެ ބޯޓުގެ އިތުރުން ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ ބޯޓު ފަހަރެވެ.
މޯލްޑިވިއަނުން އަންނަނީ އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަޤްވާމީ ބައެއް މަންޒިލް ތަކަށް ވެސް ދަތުރު ކުރަމުންނެވެ. އަދި އެ ކުންފުނިން ސީޕްލޭންގެ ޚިދުމަތް ވެސް ދެއެވެ.
މޯލްޑިވިއަނަށް ވަނީ ބައިނަލްއަގްވާމީ ބައެއް އެވޯޑްތައް ވެސް ލިބިފައެވެ. އޭގެ ތެރޭގައި 2020 ވަނަ އަހަރު ލިބުނު ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑާއި، ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑާއި އަދި ސާޓާގެ އިތުރު އެވޯޑްތައް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!