ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވަނީ ރީތި، ސުލްހަވެރި ކެމްޕޭނަކުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެކަންކަން ނިންމަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް މިހާރު ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ތެރޭގައި ކެމްޕޭން ފޯރި ދަނީ މެކުހަށް ޖަހަމުންނެވެ. އެ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އެ ޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާންކުރަށްވައި، ތާއީދު ފޯމުގައި ސޮއި ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި އެމްޑީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙް ވެސް ވަނީ ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ މަޝްވަރާތައް ފައްޓަވާފައެވެ.

Ad
rt

އެމްޑީޕީގެ އެތެރޭގައި ކެމްޕެއިން ފޯރި ގަދަވަމުންދާއިރު، ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙްގެ އެދިވަޑައިގަތުމަކީ އެއީ އެތެރޭގެ އިންތިޚާބެއްކަން ޤަބޫލުކޮށް، ސުލްހަވެރި، ނަލަ ކެމްޕޭނަކުން އިންތިޚާބުގެ ކަންކަން ނިންމާލުން ކަމަށެވެ.

‘’އިދިކޮޅު ކެންޑިޑޭޓްގެ ޓީމުން އަނބުރަން މަސައްކަތްކުރާ ފިތުނާގައި ނުޖެހި ރީއްޗަށް މިކަން ކޮށްލަމާ،’’ ނިހާދު ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވީ، އެ ޓީމުން ގެންގުޅޭ ކެމްޕެއިން އުސޫލުތައް ހަމަ އެއްގޮތް ކަމަށާއި، ފެށީ ވެސް ފިތުނައިން ކަމަށެވެ.

މި ފެށޭ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނައަހަރު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅަން ޖެހެއެވެ.