ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މިކަމަށް ޝުކުރުއަދާ ކުރެއްވީ ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް، މާޓިން ރައިސަރ، އެމަނިކުފާނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ވޯލްޑްބޭންކާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއް ވިއެވެ. އަދި ވޯލްޑްބޭންކުގެ ލަފައާ އެއްގޮތަށް އިގްތިސާދީ ގޮތުން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް ވެސް ވަނީ އަލިއަޅުވައިލައްވާފަ އެވެ.
މީގެ އިތުރުން އިގްތިސާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި، އެ ނިންމެވުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް މާޓިން ރައިސަރ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.
ހަމަމިއާއެކު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކް ގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިގްތިސާދީ ވިލުންތެރިކަމަށާއި އިގްތިސާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި އިންސާނީ ވަސީލަތް ބިނާކުރުކަން ވޯލްޑްބޭންކުގެ ނައިބުރައީސް ފާހަގަކުރެއްވި އެވެ.
ދެ ބޭފުޅުން ވަނީ ކުރިމަގުގައި ވެސް ދެފަރާތުގެ ދެމެދު އެއްބާރުން އިތުރުކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!