އަންނަ 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެމްބަރުންނަށް ހުޅުވާލައިފި އެވެ.

މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ފަށާނެ އެވެ.

Ad
rt

އެއަށްފަހު ތަޅުމަށް ބަޖެޓު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް ހަތް މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުން ނިންމާފައި ވެއެވެ. އަދި މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ބަޖެޓް ފާސް ކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ.

ދައުލަތުން، މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓު، މިހާރުވަނީ ކޮމެޓީން ފާސްކުރައްވާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުން ނެވެ. އަދި ބަޖެޓް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއެކު ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު، ކޮމެޓީން ފާސްކުރައްވާފައިވަނީ ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއިއެކު 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެޓީން ބަޖެޓަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނައި ބަދަލު ހިމެނެ އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސްގެ ވައުދުތައް ފުއްދެވުން ކަމަށާއި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރާނެ ބަޖެޓަކަށްވާނެ ކަމަށެވެ.