މި މަހުގެ ވިހިވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސްގެ ފައިނަލް ސްކޮޑް އިޢުލާން ކޮށްފައިވާއިރު، އެ ޓީމުގައި މުޅިންހެން ހިމެނެނީ ޔޫރަޕުގެ ބޮޑެތި ޓީމްތަކަށް ކުޅެމުން އަންނަ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ.
މޮޅެތި ގިނަ ކުޅުންތެރިނަތަކެއް ހިމެނޭ ފްރާންސް މިފަހަރު ވޯލްޑް ކަޕް ތަށި ދިފާއުކުރަން ނުކުންނައިރު ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މިއީ އެ ޓީމަށް ކުރެވިދާނެ ކަމެކެވެ. ވޯލްޑްކަޕް ތަށި ޖެހިޖެހިގެން އެންމެ ފަހުން ކާމިޔާބު ކޮށްފައި ވަނީ 1962 ވަނަ އަހަރު ބްރެޒިލްއެވެ. އޭގެ ފަހުން އެސްވެސް ޓީމަކަށް މިހާތަނަށް އެކަން ހާސިލްކުރެވިފައި ނުވެއެވެ.
ފްރާންސް ކޯޗް ޑިޑިއޭ ޑިޝޯމްޕް އެކުލަވާލާފައިވާ ޓީމްގެ ޑިފެންސްގައި ހިމެނެނީ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ލޫކަސް ހެނާންޑޭޒް، ބެންޖަމިން ޕަވާޑް، އުޕަމެކާނޯ، އޭސީ މިލާނަށް ކުޅެމުން އަންނަ ތިއޯ ހެނާންޑޭޒް، ޕީއެސްޖީއަށް ކުޅެމުން އަންނަ ކިމްޕެމްބޭއާއި، ލިވަޕޫލަށް ކުޅެމުން އަންނަ އިބްރާހީމް ކޮނާޓޭ، ބާސެލޯނާއަށް ކުޅެމުން އަންނަ ޖޫލްސް ކޫންޑޭ، އާސެނަލްއަށް ކުޅެމުން އަންނަ ވިލިއަމް ސަލީބާ، ގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ރަފޭލް ވަރާނޭއެވެ.
ވަރާނޭއާއި ކިމްޕެމްބޭ މިވަގުތު އަނިޔާގައި ތިބި ނަމަވެސް އެ ދެކުޅުންތެރިން ޓީމުގައި ހިމަނާފައި ވަނީ ވޯލްޑް ކަޕް ފެށެންވާއިރަށް ފިޓްވާނެ ކަމަށް ބެލެވޭތީއެވެ.
ފްރާންސްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އައި ދެ ކުޅުންތެރިން ކަމަށްވާ ޕޮގްބާއާއި ކަންޓޭ އަނިޔާގައި ހުރުމުގެ ސަބަބުން ފްރާންސް ޓީމުގައި ހިމަނާފައިނުވާއިރު، މިފަހަރު ނެގި ޓީމުގައި ޒުވާން އުންމީދީ ކުޅުންތެރިންތަކެއް ވަނީ ހިމެނާފައެވެ. މިގޮތުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ދެ މިޑްފީލްޑް ކުޅުންތެރިންކަމަށްވާ ޗުއަމެނީއާއި ކަމަވިންގާ ވަނީ ހިމަނާފައެވެ. ދެން ހިމަނާފައި ވަނީ މޮނާކޯއަށް ކުޅެމުން އަންނަ ފޮފާނާއާއި، މާސޭއަށް ކުޅެމުން އަންނަ މަޓެއޯ ގުންޑޫޒީ އަދި ޖޯޑަންގެ އިތުރުން ޔުވެންޓަސްއަށް ކުޅެމުން އަންނަ ރެބިއުޓެވެ.
އެންމެ ފަހުން ފްރާންސް ކުޅުން ވޯލްޑް ކަޕްގައި މިފަހަރު ބޮލެންޑިއޯ އެވޯޑް ހޯދި ބެންޒެމާ ހިމަނާފައި ނުވަނީ ބްލެކް މެއިލްގެ މައްސަލައަކާއި ގުޅިގެންނެވެ. މިވަގުތު އަނިޔާގައި ހުރި ނމަވެސް ފްރާންސް ޓީމުގައި ބެންޒެމާ ވަނީ ހިމަނާފައެވެ. މީގެއިތުރުން ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭ، އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ގްރީޒް މަންވެސް ވަނީ ފްރާންސް ޓީމުގައި ހިމަނާފައެވެ. މި ސީޒަންގައި މިލާނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮލިވަރ ޖިރޫޑްއަށް ވެސް ވަނީ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ދީފައެވެ. އޭނާއަކީ ފްރާންސް ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
ފޯވާޑް ލައިންގައި ދެން ހިމެނެނީ ބަޔާންގެ ކިންގްސްލީ ކޫމާން، ބާސެލޯނާގެ އުސްމާން ޑެމްބެލޭގެ އިތުރުން ލެއިޕްޒީގްގެ ކްރިސްޓޮފަރ އުންކުންކޫއެވެ.
ގޯލް ކީޕަރުންގެ ގޮތުގައި ހިމަނާފައި ވަނީ ޓޮޓެންހަމްގެ ގޯލް ބަލަހައްޓަމުން އަންނަ ހޫގޯ ލޮރިސްއާއި ވެސްޓްހޭމްގެ ކީޕަރު އަރިއޯލާގެ އިތުރުން ރެންސްގެ ކީޕަރު ސްޓީވް މަންޑަންޑާއެވެ.
ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއާ އެކު ގްރޫޕް ޑީ ގަ އެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!