ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަސާސީ ހަމަހަމަކަމާއި މިނިވަންކަމަކީ ޑިމޮކްރަސީގެ މައިގަނޑު ބައިތައް ކަމަށެވެ.

Ad
rt

ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވަނީ ރާއްޖެއަށް މި ގޮނޑި ކާމިޔާބުކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ ޚާރިޖީ ޓީމުން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

މި ކައުންސިލްގެ ގޮނޑިތައް ސަރަހައްދީގޮތުން ބަހާލާފައިވާއިރު، މި އިންތިޚާބުގައި 14 ގޮނޑިއަކަށް 17 ޤައުމަކުން ކުރިމަތިލާފައި ވެއެވެ. ރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައަޅާފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ. މި ގްރޫޕަށް ކަނޑައަޅާފައިވަނީ 13 ގޮނޑިއެކެވެ.

ހުސްވެފައިވާ 4 ގޮނޑިއަށް ރާއްޖެ، ކިރިގިސްތާން ރިޕަބްލިކް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ވަނީ ވާދަކޮށްފަ އެވެ. މިގައުމުތަކުގެ ތެރެއިން ރާއްޖެއަށް ފުރުޞަތު ދިނުމަށްޓަކާ ބަހުރެއިނުން ވަނީ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފަ އެވެ.

އދ.ގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ސިއްރު ވޯޓުގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި ޤައުމުތައް އިޢުލާންކޮށްފައިވާއިރު، 189 ޤައުމަކުން މި އިންތިޚާބުގައި ވަނީ ވޯޓުލާފަ އެވެ. ރާއްޖެއަށް ލިބިފައިވަނީ 154 ވޯޓެވެ. ރާއްޖޭގެ ހިމެނޭހެން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ޤައުމެއް އިންތިޚާބުވެފައި ވެއެވެ.

2011 އިން 2016ގެ ނިޔަލަށް ދެ އިންތިޚާބެއް ކާމިޔާބުކޮށް ރާއްޖެއިން އެ ކައުންސިލުގައި ހިމެނިފައިވާއިރު، މިއީ ރާއްޖެ ކައުންސިލުގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. މި ފަހަރުގެ ދައުރު 2023 ވަނަ އަހަރު ފެށޭއިރު، އެ ދައުރު ދެމިއޮންނާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ 3 އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން 2 ދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ލިބިގެންނުވެ އެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި، ޑިމޮކްރަސީ ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދޭއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ރައީސް ކަމުގައި ހުންނެވި އިރުވެސް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ކަންކަމުގެ ތެރޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން ހިމެނެ އެވެ.