ޑެންގޫ ޖެހިގެން ފަރުވާދެމުން ދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
މިއަދު ނިޔާވެފައިވަނީ އއ. ތޮއްޑޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޑެންގީ ޖެހިގެން ނިޔާވި ދެވަނަ މީހާ އެވެ. ޑެންގޫ ޖެހިގެން އިއްޔެ ނިޔާވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާމުން ދިޔަ އުމުރުން އަށް އަހަރު ކުޑަކުއްޖެކެވެ.
ޑެންގީ ގައި ދެ މީހަކު މަރުވެފައި މިވަނީ އެ ބަލި ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރާތާ ދެ މަަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.
ޑެންގީ ހުން ޖެހޭ މިންވަރު، މީހާގެ ޢާންމު ޞިއްޙަތު ހުންނަ މިންވަރާއި، އަދި އުމުރާ ގުޅެއެވެ. އަދި ބަލީގެ ޢަލާމާތްތައް ފެންނަ މިންވަރު ބިނާވެފައި އޮންނަނީ އެމީހެއްގެ ޞިއްޙަތާ ޢުމުރުގެ މައްޗަށެވެ. މިބަލީގެ ޢަލާމާތްތައް ފެންނަނީ މިދެކަންތަކާ ގުޅިގެންނެވެ.
ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިހުން ޖެހުމާއެކު ހިމަބިހި ކަހަލަ ބިހިތަކެއް ގައިން ނަގައިފާނެއެވެ. މިއީ ހިމަބިހި ނޫންކަމެއް، ރޯގާހުން ނޫންކަމެއް، ނުވަތަ މެލޭރިޔާ ނޫންކަމެއް ވެސް ޔަގީންކުރުން ދަތިވެއެވެ. އަދި މިއީ ގައިން ގަޔަށް އަރާ ޒާތުގެ ފުރަމޭ ދުޅަވުން ކަން ނުވަތަ ހުމާއެކު ޖެހޭ އެފަދަ އެހެން ބައްޔެއްކަން ދެނެގަތުން އުދަގޫވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހުމުން ދާދި އެއްވައްތަރުގެ ޢަލާމާތްތަކެއް ފެންނަށް ފަށައެވެ. މިގޮތުން އާދައިގެ އަލާމާތްތަކުން ފެށޭ މިބަލި ނުރައްކާތެރި ބައްޔަކަށް ވެސް ބަދަލުވެދާނެ އެވެ.
ޑެންގީ ގެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ. މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ.
(ޑެންގީ ހުމާބެހޭ މައުލޫމާތު: ހާމިމް. ޑޮޓް.ކޮމް)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!