ހދ. ނައިވާދޫ ގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެރަށު ކައުންސިލުން ޝުކުރު އަދާކުރައްވަފި އެވެ.

ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެްވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތައް މިހާރަށްވުރެވެސް ހަލުވި ކުރަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

Ad
rt

އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހިޔާލުބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ނައިވާދޫ ޕްރީސްކޫލްގެ ހޯލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އިމާރާތް ބައުވެ ޖާގަ ދަތިވުމާއި، ނަރުދަމާގެ ނިޒާމާއި، ސްކޫލުގެ ހޯލު އިމާރާތުގެ މަސައްކަތް އަވަސް ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލަ އާއި ޒުވާނުނަށް ކުޅިވަރުކުޅުމަށް އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

މިބައްދަލު ކުރައްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ރާއްވަވައި ހިންގަވަމުން ގެންދަވަނީ، އެލްޖީއޭގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރުގެ ތެރޭގައި އިމާރާތްކުރުމަށް އިސްކަންދެވޭ ކައުންސިލް އިދާރާތަކުގެ ލިސްޓުގައި ހިމަނައިގެން އައު އިމާރާތެއް ބިނާކުރެއްވުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމާއި މެދު ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި އެކު މަސައްކަތް ކުރައްވައި އެކަންކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ނައިވާދޫ ކައުންސިލު އިދާރާއަށް ޒިޔާރަތްކުރައްވައި އެ އިމާރާތުގައި ކައުސިލުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާ ލައްވާފަ އެވެ.

ނައިވާދޫގައި ސަރުކާރުން މިހާތަނަށް 4 މަޝްރޫއެއް ވަނީ ހިންގައި ނިންމާފަ އެވެ. އަދި ތިން މަޝްރޫއެއް މިހާރުކުރިޔަށް ދާއިރު އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއަކީ ނަރުޒަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު އެވެ.

ރައީސުލްޖުމްހޫރިއްޔާ ބޮޑު ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި ނައިވާދޫއަށް ފަހު ވަޑައިގަންނަވާނީ، ހދ.ފިނޭ އަށެވެ. އެރަށަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާޙް ކޮށްދެއްވައި، އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވާނެ އެވެ. އަދި އެަރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އާއި ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާނެ އެވެ.