މާލޭ އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގު ހެދުމަށް މަގުގައި ހުރި ބައެއް ގަސްތައް ނަގަމުންދާ މައްސަލައާއި މެދު ރައްޔިތުން މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި، ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ.

Ad
rt

އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި މާލޭ ސިޓީ ކައުންސިލާއި މޯލްޑީވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަޜޭޝަނުން ވެސް ގަސްތައް ނުނަގާ މަގުތައް ހެދޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވި އެވެ.

އާރްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް ބަހައްޓައިގެން އެމަގުގެ މުޅި ނެޓްވޯކް އަޕްގްރޭޑްކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެގޮތުން އެމަގުގައި ވަޅުލާފައިވާ ހޮޅިތަކާއި އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށާއި އަމީނީ މަގުގައި ހުރި ގަސްތައް އެހެން ހިސާބަކަށް ބަދަލުކުރުމަށް ނިންމައިފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނިން ބުނީ އެގަސްތައް ގެންދާނީ ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލަންޑް، ކުޑަގިރިއަށް ކަމަށެވެ.

އަމީނީމަގުގެ މަސައްކަތް ނިމޭއިރު އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި، ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދުމަށް ނިންމާފައިވާ ކަމަށާއި އެމަގުގައި "ޓްރީ ޕިޓް" ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް އާރްޑީސީން ބުނެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަން އެކޯޕަރޭޝަނުން ޕްލޭންކޮށްފައިވަނީ އެމަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެހެން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މިކަމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާ ވެސް މަޝްވަރާކޮށްފައިވާކަމަށް އާރްޑީސީން ބުނެއެވެ.