ބޭރު ފައިސާގެ ކަޅުބާޒާރު ކޮންޓްރޯލްކޮށް، މަނީ އެކްސްޗޭންޖް ވިޔަފާރިތައް ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި އާ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރި ބޭންކުތައް އިސްތިސްނާވާ ގޮތަށް އެކުލަވައިލި މި ގަވާއިދުގެ ދަށުން، އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ (ކެޓަގަރީ-އޭ) ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ، އަދި ހަމައެކަނި އެ ވިޔަފާރިއަށް ހާއްސަކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
މި އުސޫލުގެ ދަށުން ކޯޕަރޭޓް ގްރޫޕަކަށް ދޫކުރެވޭނީ އެންމެ ލައިސަންސެކެވެ. ނަމަވެސް، ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓުތަކަށް އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރެއް ގަވާއިދުން ވަނީ ދީފައެވެ. އަދި ވިޔަފާރީގެ ގޮތުގައި ފައިސާ މާރުކުރާ ފަރާތްތަކަށް އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން ކުރެވޭނެ އެންމެ މަތީ އަދަދަކީ 50,000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ބޭރު ފައިސާ ކަމަށް ކަނޑައަޅައި، އެ ލިމިޓު ވަނީ ދަމަހައްޓައިފައެވެ.
މި އަދަދަށް ވުރެ އިތުރުވާ ކޮންމެ މުއާމަލާތެއްވެސް ކުރަންޖެހޭނީ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށް ކަމަށް ގަވާއިދުގައިވެއެވެ. މީގެއިތުރުން، ކޮންމެ ދުވަހަކު ވިޔަފާރި ނިމޭއިރު ހުންނަ އިތުރު ބޭރު ފައިސާ، ޖެހިގެން އަންނަ ރަސްމީ ދުވަހު ބޭންކަށް ޖަމާކުރުންވެސް އެމްއެމްއޭގެ އާ ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.
ފައިސާ މާރުކުރުމުގެ ލައިސަންސް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާއިރު، ލައިސަންސް ލިބޭ ކޮންމެ ފަރާތަކުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި އެމްއެމްއޭގައި ބަހައްޓަންޖެހޭ އަދަދު ވަނީ 200,000 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި މައި ތަނުގެ އިތުރުން ހިދުމަތްދޭ ކޮންމެ ގޮތްޕަކަށް 100,000 ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ފީތަކަށް ބަލާއިރު، ލައިސަންސަށް އެދި ހުށަހަޅާ ފީއަކީ 40,000 ރުފިޔާއެވެ. އަދި ލައިސަންސް އާކުރުމުގެ ފީއަކަށް 20,000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރީ ފީގެ ގޮތުގައި 48,000 ރުފިޔާ ދައްކަންޖެހެއެވެ.
ހިދުމަތް ދިނުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވަނީ، ވިޔަފާރި ހިންގަންވާނީ ރައްކާތެރިކަމާއި ސިއްރު ހިފެހެއްޓޭނެ އޮފީސް މާހައުލެއްގައި ކަމަށެވެ. މީގެ އިތުރުން ފައިސާ މާރުކުރާ ރޭޓުތައް ފެންނާނެ ޑިޖިޓަލް ބޯޑެއް ބެހެއްޓުމާއި، ކޮންމެ މުއާމަލާތަކަށް ރަސްމީ ރަސީދު ދިނުމުގެ އިތުރުން، ހުރިހާ މުއާމަލާތްތަކެއްގެ ރެކޯޑު ފަސް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަން ޖެހެއެވެ. އަދި މުއާމަލާތްތައް ވަގުތުން މޮނިޓާކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރުމާއި، އޮޑިޓް ރިޕޯޓުތައް ގަވާއިދުން އެމްއެމްއޭއަށް ހުށަހެޅުންވެސް ލާޒިމުވެގެންދެއެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި، ލައިސަންސް ނެތި ނުވަތަ ގާނޫނާ ހިލާފަށް ވިޔަފާރި ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން 10,000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ. އަދި 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުކަނޑައިލުމާއި ޖިނާއީ ތަހުގީގަކަށް މައްސަލަ ފޮނުވުމުގެ އިހްތިޔާރުވެސް މަރުކަޒީ ބޭންކަށް ލިބިގެންވެއެވެ.
ކުރީގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް، އާ ގަވާއިދުގެ ދަށުން ލައިސަންސް ނެގުމަށާއި އާ ޝަރުތުތައް ފުރިހަމަކުރުމަށް ވަކި މުއްދަތެއް ދިނުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް ކުރީގެ ގަވާއިދުގައި ހިމެނޭ "ޓިއާ 2" އުވާލައި، އެ ލައިސަންސަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބާތިލުކުރުމަށްފަހު، ދައްކާފައިވާ ފީތައް އަނބުރާ ދިނުމަށް އެމްއެމްއޭއިން ވަނީ ކަނޑައަޅައިފައެވެ. އަދި "ޓިއާ 1" އަށް ކުރިން ހުށަހަޅާފައިވާ ފަރާތްތަކަށް، އިތުރު ފީއަކާ ނުލައި އާ ގަވާއިދުގެ ދަށުން އެޕްލިކޭޝަން ކުރިއަށް ގެންދެވޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!