އެޗްއައިވީން ރައްކާތެރިކޮށްދޭ އަގުހެޔޮ އިންޖެކްޝަން އެފްރިކާގެ ގައުމުތަކަށް ފޯރުކޮށްދޭން ފަށައިފި
އެޗްއައިވީ ޖެހުމުން ރައްކާތެރިކޮށްދިނުމަށް ބޭނުންކުރާ ލެނަކަޕަވިއާ (lenacapavir) ގެ އާންމު އަގުގެ ބޭހުގެ ފުރަތަމަ ޝިޕްމެންޓް ޒެމްބިއާއަށް ލިބިފައިވާކަމަށް ގްލޯބަލް ފަންޑުން ހާމަކޮށްފިއެވެ. އަދި އަންނަ ދުވަސްތަކުގެ ތެރޭގައި ޔުގަންޑާއަށްވެސް މި ބޭސް ލިބޭނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އަހަރަކު ދެ ފަހަރު ޖަހާ މި އިންޖެކްޝަނަކީ އެޗްއައިވީ ޖެހުމުން ދުރުކޮށްދިނުމުގައި ސަތޭކަ އިންސައްތައާ ގާތްކުރާ މިންވަރަކަށް ކާމިޔާބު ބޭހެކ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. މި ބޭހުގެ އަގު އުޅެނީ ކޮންމެ މީހަކަށް އަހަރަކު އެންމެ 40 ޑޮލަރަށެވެ.
މި ބޭހުގެ ޖެނެރިކް ނުވަތަ އާންމުކޮށް އުފައްދާ ވައްތަރު އެފްރާއަށް ގެންނަން ފަށާފައި މިވަނީ، އެމެރިކާގެ ބޭސް އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ ޖިލިއަޑް ސައިންސަސް އިން އޭގެ އަސްލު ބޭސް ތައާރަފުކުރިތާ އެއް އަހަރު ފަހުންނެވެ. އެމެރިކާގައި އަސްލު ބޭހުގެ އަހަރީ ހަރަދު ގާތްގަނޑަކަށް 28,000 ޑޮލަރަށް އަރާތީ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ މީހުންނަށް އެ ބޭސް ހޯދުމަށް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިލާންޖެހިފައެވެ.
ލެނަކަޕަވިއާ މަސައްކަތްކުރަނީ އެޗްއައިވީގެ ވަށައިގެންވާ ހިމާޔަތްކޮށްދޭ ޕްރޮޓީ؛ އަށް އަމާޒުކޮށްގެން ކަމަށާއި، އޭގެ ސަބަބުން ވައިރަސް އިތުރުވެ ހަށިގަނޑުގައި ބަލި ފެތުރުމުގެ ފުރުސަތު ހުއްޓުވާދޭ ކަމަށް ބުނެފައިވެއެވެ. ޔުގަންޑާ އަދި ދެކުނު އެފްރިކާގެ 5,000 އަށްވުރެ ގިނަ ޒުވާން އަންހެނުން ބައިވެރިކޮށްގެން 2024 ވަނަ އަހަރު ހިންގި ކްލިނިކް ގެ ތަޖުރިބާއަކުން ދައްފައިވާ ގޮތުގައި، މި އިންޖެކްޝަން ޖެހި އެއްވެސް މީހަކަށް އެޗްއައިވީ ޖެހިފައެއް ނުވެއެވެ.
މި އިންޖެކްޝަނަކީ ކުރިން ބޭނުންކުރަމުން އައި، ކޮން ދުވަހަކު ބޯންޖެހޭ އަދި އިޖްތިމާއީ ގޮތުން މީހުންގެ ފާޑުކިޔުން އަމާޒުވެދާނެ ޕްރީ-އކްސްޕޯޝަރ ޕްރޮފިލެކްސިސް (ޕްރެޕް) އާ އަޅައިބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސިއްހީ މާހިރުން ބުނެޏެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން މި ބޭސް އެޗްއައިވީ ރައްކާތެރިވުމަށް ލަފާދީފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
އެފްރިކާއަށް މި ބޭސް ގެނައުމަކީ އެޗްއައިވީއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ލިބުނު "ބޮޑު ކުރިއެރުމެއް" ކަމަށް ގްލޯބަލް ފަންޑުން ސިފަކޮށްފައިވެއެވެ. "މި ޑެލިވަރީތަކުން ދައްކުވައިދެނީ ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި، ފެންވަރު ރަނގަޅު އަދި ނަތީޖާ ރަނގަޅު އެޗްއައިވީ ރައްކާތެރިވުމުގެ ބޭސްތައް ލިބުން އަވަސްވެ ފުޅާވަމުންދާކަން،" އެ ޖަމްޢިއްޔާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިހާތަނަށް 10 ޤައުމެއްގެ 189,000 އަށްވުރެ ގިނަ މީހުން ލެނަކަޕަވިއާގެ ފުރަތަމަ އިންޖެކްޝަން ޖަހާފައިވާ ކަމަށް ގްލޯބަލް ފަންޑުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 24 ގައުމަކަށް މި ބޭސް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެމެރިކާ ސަރުކާރާ ގުޅިގެން 2028 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން ތިން މިލިއަން މީހުންނަށް މި ބޭސް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ސަބް-ސަހަރަން އެފްރިކާ ސަރަޙައްދުގައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޒުވާން އަންހެނުންނަށެވެ. ދުނިޔޭގައި އެޗްއައިވީ ހުރި އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ދެކުނު އެފްރިކާގައި ގާތްގަނޑަކަށް އަށް މިލިއަން މީހުން މި ވައިރަހާއެކު ދިރިއުޅެމުންދާއިރު، އެ ގައުމަށްވެސް މި އަގުހެޔޮ އިންޖެކްޝަން ލިބޭނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!