ރަޖިސްޓްރާރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަށް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ސިޔާޒް އައްޔަންކުރައްވައިފިއެވެ.

ޝިޔާޒް މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ. އެ އޮފީހަކީ ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، އަދި އެކަންކަން ތަންފީޛުކުރުމަށްޓަކައި ޤާއިމުކުރެވިފައިވާ މުހިންމު އިދާރާއެކެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓަރީކުރުމާއި، އެގޮތަށް ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ޤާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް ބަލާއިރު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް ބަދަހިކުރުމާއެކު، އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުމުގެ މަސައްކަތް އެ އޮފީހުން ކުރިއަށްގެންދާނެއެވެ. އަދި ފިކުރީ މުދަލާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި، އެ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުންވެސް އޮފީހުގެ ބާރުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، ފިކުރީ މުދަލުގެ ދާއިރާއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް މެދުނުކެނޑި ދިރާސާކުރުމުގެ މަސައްކަތްވެސް އެ އޮފީހުން ކުރަމުން ގެންދާނެއެވެ.

މީގެއިތުރުން، ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ރާވައި ހިންގުމަކީވެސް މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.