ހދ. ކުޅުދުއްފުށީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށާއި އެ ރަށުގެ ކުޅި ހިމާޔަތްކުރުމާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދަކުން އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ޓީމުން މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އޭޑީބީގެ މި ޒިޔާރަތަކީ މޫސުމީ ވިލުންވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢު (އީ.ސީ.އާރު.އެފް.އެސް) ގެ ރިވިއު މިޝަންގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގެ އެތެރޭގެ ފެންހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުގެ ކުޅި އަދި ޗަކަބިންތައް އިއާދަކޮށް ހިމާޔަތްކުރުމަށް ހުށަހެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަން މުރާޖަޢާ ކުރުމެވެ.

ކައުންސިލާއި ޑަބްލިޔުޑީސީއާ އެކު ބޭއްވި ބައްދަލުވުމުގައި، މި މަޝްރޫޢުގެ ދަށުން ތަންފީޒުކުރުމަށް ހުށަހެޅިފައިވާ ކޮންސެޕްޓްތަކަށް އަލިއަޅުވާލައި ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. މި މަޝްވަރާތަކުގައި މަޝްރޫޢު ކުރިއަށް ގެންދެވިދާނެ އެކި ގޮތްތަކާ ގުޅޭގޮތުން ދެފަރާތުން ވާހަކަދެއްކިއެވެ.

މަޝްވަރާތަކަށް ފަހު، އޭޑީބީގެ ވަފުދުން ވަނީ ކުޅުދުއްފުށީގެ ކަމާބެހޭ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ވަޒަންކޮށްފައެވެ. މިގޮތުން ވާރޭވެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފެންބޮޑުވެފައި ހުންނަ ގެތަކަށް އެ ޓީމުން ޒިޔާރަތްކޮށް، އެ ސަރަޙައްދުތައް ބަލައި ފާސްކުރިއެވެ.

މީގެއިތުރުން، ރަށުން ފެން ބޭރުކުރުމަށްޓަކައި ކަނޑައެޅިދާނެ އައުޓްފޯލް ސަރަޙައްދުތަކަކީ ކޮބައިތޯ ބަލައި، އެ ތަންތަނުގެ ދިރާސާތައްވެސް އޭޑީބީގެ ވަފުދުން ވަނީ ކޮށްފައެވެ. މި ސައިޓް ވިޒިޓްތަކުގެ ބޭނުމަކީ ހުށަހެޅިފައިވާ ހައްލުތައް އަމަލީ މައިދާނުގައި ހުރިގޮތް ބަލައި ވަޒަންކުރުމެވެ.

މިފަދަ ބައްދަލުވުންތަކާއި ސައިޓް ވިޒިޓްތަކުގެ ސަބަބުން، ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އަދި އޭގެ ސަބަބުން ކުޅުދުއްފުށީގެ މުޖުތަމަޢަށް އެންމެ އެކަށޭނަ ގޮތެއްގައި މަޝްރޫޢުގެ ފައިނަލް ޑިޒައިންތައް އެކުލަވާލުމަށާއި، ރޭވިފައިވާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.