ކުރިއަރ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުރިއަރ ސާވިސް މެދުވެރިކޮށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ދޫރަފިޝް، 30 އަހަރުގެ ޙަސަން ޝަމްޢާންކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ.
މީގެއިތުރުން، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައިކަމަށާއި މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ މައުލޫމާތުދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!