ހއ. ދިއްދޫގައި އަލަށް ގާއިމުކުރާ 50 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް ނިންމައިލެވޭނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހާ ހިސާބުގައި ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ތައާރަފްކުރަން ފެށި ޚިދުމަތްތައް ލަސްވަމުންދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން އެ ޚިދުމަތްތައް ފެށޭނީ ކިހާ ހިސާބެއްގައިތޯއާއި، އެ މަސައްކަތް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ މެންބަރު އެއްސެވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިއްދޫގައި ތަރައްގީ ކުރަމުންދަނީ 50 އެނދުގެ، ލެވެލް 2 ގެ ހޮސްޕިޓަލެއް ކަމަށެވެ. އަދި އެ މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި، މިހާރު އަންދާޒާކުރެވިފައިވާ ގޮތުން ހޮސްޕިޓަލުގެ މަސައްކަތް ނިންމައިލެވޭނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޮންޓްރެކްޓަރާއެކު މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި މަޝްވަރާތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ކޮންކްރީޓް ޓައި ބީމް އެޅުމުގެ މަސައްކަތެވެ.
ދިއްދޫ ހޮސްޕިޓަލުގެ އިތުރުން، މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ތައާރަފްކުރި އެއާ އެމްބިއުލާންސްގެ ޚިދުމަތާ ގުޅޭގޮތުން ވެސް މެންބަރު ލަތީފް ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން އެ ޚިދުމަތް ރައްޔިތުން ހޯދަމުންދާ މިންވަރާއި އޭގެ ތަފްސީލެއް ދެއްވުމަށް މެންބަރު އެދިވަޑައިގެންނެވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކުރި ފަހުން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 2،500 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި މި ދަތުރުތަކުގެ ޒަރީއާއިން 3،200 އަށް ވުރެ ގިނަ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށްވެސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!