ހދ. މަކުނުދޫ ސްކޫލުގެ ދަރިވަރުންގެ ލީޑަޝިޕް ހުނަރުތަކާއި ޓީމްވޯކް އަދި ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ "މިސްރާބު ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މަކުނުދޫ ސްކޫލްއިން ހާމަކުރާ ގޮތުގައި، މި ކޭމްޕަކީ ސްކޫލުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރިވަރުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ޒިންމާދާރު ލީޑަރުންތަކެއް ބިނާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

މި ކޭމްޕުގައި ދަރިވަރުންނަށް ބޭނުންތެރި ގިނަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، މަކުނުދޫ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު، ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށާއި، އަޚްލާޤާއި ސުލޫކު ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ފިޒިކަލް ޓްރެއިނިންގ އަދި ޓީމް ބިލްޑިންގ ހަރަކާތްތަކެއް މި ކޭމްޕްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން، ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތާއި އަވަސް ފަރުވާ ދިނުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް މަކުނުދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން ފަސްޓް އެއިޑް ސެޝަނެއް ވަނީ ނަގައިދީފައެވެ.

ހަމައެއާއެކު، އިސްލާމީ ރިވެތި އުޞޫލުތަކާ އެއްގޮތަށް ކަންކަން ނިންމުމާއި، އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު ޒިންމާ އަދާކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި، ދަރިވަރުންނަށް އިސްލާމީ ލީޑަޝިޕްގެ މުހިންމު މަޢުލޫމާތުތައް ދެއްވީ ޝައިޚް އަޙްމަދު ރިއްފަތެވެ.

މި ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި މަކުނުދޫ ޕޮލިސް ސްޓޭޝަނާއި، މަކުނުދޫ ޞިއްޙީ މަރުކަޒު އަދި ޝައިޚް އަޙްމަދު ރިއްފަތު ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ސްކޫލުގެ ފަރާތުން ވަނީ އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.