ނަން ހާމަކޮށްފައިނުވާ އަވަށްޓެރި ގައުމަކުން ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އީރާނަށް އެތެރެކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ.
ސެންޓްރަލް ބޭންކް އޮފް އިރާން (ސީބީއައި) އިން ބުނެފައިވާ ގޮތުގައި މި ފައިސާއަކީ އެތެރޭގެ އާންމު ބާޒާރަށް ބޭރު ފައިސާ ނެރެ، ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަށްކުރުމަށް އެ ބޭންކުން މެދުނުކެނޑި ހިންގާ ހަރަކާތްތަކުގެ ތެރެއިން ގެނައި ފައިސާއެކެވެ.
ސީބީއައިގެ ގަވަރުނަރު އަބްދުއްނާސިރު ހިއްމަތީ މީގެ ކުރިން އިއުލާނު ކުރައްވާފައިވަނީ، އަމިއްލަ ފަރުދުންގެ ގޮތުގައި އެދޭ ފަރާތްތަކަށް ބޭރު ފައިސާ ދޫކުރުމަށް 2 ބިލިއަން ޑޮލަރު ކަނޑައެޅި ކަމަށެވެ. ކޮންމެ މީހަކަށް އެންމެ ގިނަވެގެން 10،000 ޑޮލަރު ލިބޭ ގޮތަށް ހަމަޖެއްސި މި އަދަދު ފަހުން ވަނީ 3 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.
ބައިނަލްއަގުވާމީ ބޭންކިން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ފޮނުވުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް، ނަގުދު ފައިސާގެ ގޮތުގައި ނޫޓު އެތެރެކުރުމުގެ ސަބަބުން މަނީ އެކްސްޗޭންޖް ފިހާރަތަކަށް ސީދާ ޑޮލަރު ފޯރުކޮށްދިނުމުގެ ފުރުސަތު ސީބީއައިއަށް ލިބިގެންދާނެ ކަމަށާއި، މީގެ ސަބަބުން އާންމުންގެ މެދުގައި ޑޮލަރަށް އޮތް ޑިމާންޑް ވަގުތުން ކުޑަކުރެވޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ އީރާނުގެ ފައިސާ ކަމަށްވާ ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓި، އެމެރިކާގެ އިގްތިސާދީ ޕްރެޝަރު އެ ގައުމަށް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން 24 އަދި 25 ނޮވެމްބަރު 2026 ގައި ތެހެރާންގެ ނުރަސްމީ ބާޒާރުގައި ރިއާލްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. އެ ދުވަސްވަރު އެ ބާޒާރުގައި ޑޮލަރެއްގެ އަގު އުޅުނީ 2.83 މިލިއަން އާއި 2.905 މިލިއަން ރިއާލް (283،000 އިން 290،500 ތޫމާން) އާ ދެމެދުގައެވެ.
ފައިސާގެ އަގު މިހާ ބޮޑަށް ވެއްޓިގެން ދިޔައީ އެމެރިކާގެ ޓްރެޜަރީން އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ. އެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ކަރަންސީ އެންޑް ގޯލްޑް އެކްސްޗޭންޖް ސެންޓަރާއި، އެ ގައުމުގެ ޝެޑޯ-ބޭންކިން ނެޓްވޯކްތައް ހިމެނޭހެން 29 ފަރުދަކަށާއި އިދާރާއަކަށެވެ. މީގެ އިތުރުން، އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިއަށްގެންދާ ބްލޮކޭޑްގެ ސަބަބުން ވެސް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ދައުލަތުގެ މީޑިއާތަކާއި ސީބީއައިގެ އޮފިޝަލުން ހާމަކުރާ ގޮތުގައި އީރާނުގެ ބޭރު ފައިސާގެ ރިޒާވް އަދިވެސް ހުރީ ވަރުގަދަކޮށެވެ. އަދި ބާޒާރަށް ނަގުދު ފައިސާ ދޫކުރުމުން އަގުތައް މައިތިރިވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިނިވަން އިގްތިސާދީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، ތެލުން ލިބޭ އާމްދަނީއަށް މެދުކެނޑުމެއްނެތި ހުރަސްއެޅެމުންދާ ނަމަ، މިގޮތަށް ބާޒާރަށް ފައިސާ ނެރެގެން އަގު ހިފެހެއްޓުމަށް ތެހެރާނަށް އޮތް ގާބިލުކަން ކުޑަވެގެން ހިނގައިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!