ށ، މާއުނގޫދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.ކ) ކޮމިޓީގެ މެންބަރުން އަދި އިދާރީ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ޕަބްލިކް ސްޕީކިންގ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ކައުންސިލުން އިންތިޒާމުކޮށްގެން ލޫމިނަސް ޓްރޭނިންގ ސެންޓަރާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
މާއުނގޫދޫ ކައުންސިލުން ހާމަކުރައްވާ ގޮތުގައި، މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ރައްޔިތުންނާ ބައްދަލުކުރާ އެކިއެކި ޙާލަތްތަކުގައި، ޖެހިލުންވުމެއް ނެތި ފުރިހަމައަށް ވާހަކަދެއްކުމުގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމެވެ.
މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރްފާމް "ތިލަދުން"އަށް ވިދާޅުވީ، ޢަމަލީ ސެޝަންތަކެއް ހިމަނައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ސަބަބުން، ރައްޔިތުންގެ ކުރިމަތީގައި ވާހަކަދެއްކުމުގައި ހުރި ޖެހިލުންވުންތަކާއި ބިރު ފިލައި، ބައިވެރިންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެ ވަރަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ބައިވެރިން ފާހަގަކުރިކަމަށެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްދެއްވި ކަމަށްޓަކައި ލޫމިނަސް ޓްރޭނިންގ ސެންޓަރަށް ކައުންސިލްގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!