ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިސްނަގައިގެން ހއ. ކެލާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންސަރު ސްކްރީނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހއ. ފިއްލަދޫގެ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

ފިއްލަދޫ ކައުންސިލުން އެދިފައިވަނީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ އެ ރަށުގެ ރައްޔިތުން، އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ނަންނޯޓު ކުރުމަށެވެ.

ނަންނޯޓު ކުރެއްވުމަށްޓަކައި ފިއްލަދޫގެ ފެމިލީ ހެލްތް އޮފިސަރ ނަސީމާ އާދަމްގެ ފޯނު ނަންބަރު 9859008 އަށް ގުޅުއްވުމަށް އެ ރަށުގެ ކައުންސިލުން ވަނީ އެދިފައެވެ.

މި ސްކްރީނިންގ ޕްރޮގްރާމަކީ ސީއެސްއެމްގެ އިސްނެގުމުގެ މަތިން، ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު، ހއ. ކެލާގައެވެ.

ފިއްލަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން އުރަމަތީގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރު އަދި އަނގައިގެ ކެންސަރަށް ވެސް މި ޕްރޮގްރާމްގައި ސްކްރީން ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.