މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، މިވަގުތު ތަރައްޤީކުރުމުގެ މަރުހަލާގައިވާ ހުރިހާ އެއާޕޯޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އޮޕަރޭޓްކުރަން ފަށާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި މިޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ.
އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މި ސަރުކާރުން ސޮއިކުރި އަދި މި ސަރުކާރާ ޙަވާލުވި އިރުގައި ހިނގަމުންދާ ހުރިހާ އެއާޕޯޓެއް 2028ގެ މެދުތެރެއަށް ދާއިރު ނިންމައި، ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދިކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވިއިރު، ސޮއިކޮށް އެކި މަރުހަލާތަކުގައި ހުރި ބޮޑު ތިލަދުންމަތީގެ އެއާޕޯޓްތަކަކީ ހއ. ދިއްދޫ އެއާޕޯޓް، ހދ. މަކުނުދޫ އެއާޕޯޓް، ށ. މިލަންދޫ އެއާޕޯޓް އަދި ށ. ބިލެތްފަހީ އެއާޕޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!