ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ރުއްގަނޑުތަކުން ވެރިފަރާތުގެ ހުއްދަނެތި، ހުއްދަ ދެވިފައިވާ މިންވަރަށްވުރެ އިތުރަށް އާންމުން ވަގަށް ކާށި ހޮވައި، ވިއްކަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ހދ. ނޮޅިވަރަންފަރު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން ބުނީ، ކައުންސިލްގެ ބެލުމުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރުއްގަނޑުތަކަކީ ރަށުގެ މާލިއްޔަތަށް ނަފާ ހޯދުމާއެކު، އާންމުންނަށް ވެސް އެކަމުގެ މަންފާ ކުރާނޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކަމަށެވެ. އެގޮތުން އެ ރުއްގަނޑުތައް ކުއްޔަށް ދޫކޮށްފައިވަނީ އާންމުންނަށް ގޭގައި ކެއުމަށް ބޭނުންވާ ކާށި، ހުކުރު އަދި ހޮނިހިރު ދުވަހު ހޮވޭ ގޮތަށް ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ކައުންސިލްގެ އެންގުމާ ޚިލާފަށް އަދި ރުއްގަނޑު ކުއްޔަށް ނަގާފައިވާ ފަރާތުގެ ހުއްދައަކާ ނުލައި ކާށި ހޮވަމުންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް ހުއްދަނެތި ކާށި ހޮވައިގެން ވިޔަފާރީގެ ގޮތުގައި ކާށި ވިއްކަމުންދާކަން އެނގިފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
މިކަން ހައްލުކުރުމުގެ ގޮތުން ކައުންސިލުން އަންގާފައިވަނީ، 11 ނޮވެމްބަރު 2026 އިން ފެށިގެން، ކުއްޔަށް ދޫކޮށްފައިވާ ރުއްގަނޑުތަކުން އާންމުން ގޭގައި ކެއުމަށް ކާށި ހޮވަންވާނީ ހުކުރު އަދި ހޮނިހިރު މި ދެ ދުވަހު އެކަނި ކަމަށެވެ. އަދި އެގޮތަށް ކާށި ހޮވޭނީ ދުވާލަކު މީހަކަށް 10 ކާށީގެ މަގުން، ދެ ދުވަހަށް ޖުމުލަ 20 ކާށި ކަމުގައި ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މި އަދަދަށްވުރެ އިތުރަށް އަދި ހުކުރާއި ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކުގައި ކާށި ހޮވައި ނެރެންވާނީ، ރުއްގަނޑު ކުއްޔަށް ނަގާފައިވާ ފަރާތުގެ ހުއްދަޔާއެކު އެ ފަރާތުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.
މީގެއިތުރުން، ވެރިފަރާތުގެ ހުއްދައަކާ ނުލައި ކާށި ހޮވައި ނެރުމަކީ ކިތަންމެ ކުޑަކަމެއް ކަމުގައި ހީކުރެވުނު ނަމަވެސް، އެކަމަކީ ވައްކަމުގެ އަމަލެއްކަން ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން ހުއްދަނެތި ކާށި ނުހޮވުމަށާއި، އެގޮތަށް ނެރޭ ކާށި ނުވިއްކުމަށާއި އަދި އެފަދަ ކާށި ނުގަތުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކައުންސިލްގެ އެންގުމާ ޚިލާފަށް ކާށި ހޮވާ ފަރާތްތަކުގެ މައުލޫމާތު ކައުންސިލަށް ރިޕޯޓްކުރުމަށް ވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!