ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ފައިސާ ނުދައްކާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

މި ފަރާތްތަކުގެ މައުލޫމާތު މީރާގެ ރަސްމީ ވެބްސައިޓުގައި އަންގާރަ ދުވަހު ޝާއިއުކޮށްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުންނެވެ.

Ad
rt

މިގޮތުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި، ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1،000،000 އަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ތިބި ފަރާތްތަކުގެ މައުލޫމާތެވެ.

ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު އެއް މިލިއަން ރުފިޔާއަށް ވުރެ މަތީގައި އުޅޭ ފަރާތްތަކުގެ ތެރޭގައި އެކި ދާއިރާތަކުގެ ވިޔަފާރިތައް ހިމެނެއެވެ. އޭގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި، މީޑިއާގެ ދާއިރާގެ އިތުރުން ހާޑްވެއާ ވިޔަފާރިތައް ހިމެނެއެވެ.

މި ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް މީރާއިން ބުންޏެވެ. އެގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން ފޯނުން ގުޅައި، ޓެކްސް ނުދެއްކުމުން ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތައް ސާފުކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެއިތުރުން، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގައި ހަނދާންކޮށްދީފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ދައްކާފައި ނުވާތީ، އުސޫލާ އެއްގޮތަށް ނަންތައް އާންމުކުރީ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި އެ ފަރާތްތަކާ މެދު އަޅަމުން ގެންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ހުރި ހުރިހާ ފަރާތްތަކުން ވެސް ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ލަސްނުކޮށް ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.