ފޯމިއުލާ ވަން (އެފްވަން) ގެ ހަތަރު ފަހަރުގެ ޗެމްޕިއަން ލުއިސް ހެމިލްޓަން، ޣައްޒާއަށް އެހީ ވެއްދުމަށްޓަކައި މިޞްރުން ޣައްޒާއަށް ވަންނަ ރަފަހު ބޯޑަރު އަލުން ހުޅުވައިދިނުމަށް އިސްރާއީލަށް ގޮވާލައިފިއެވެ.

އޭނާ މިގޮތަށް ގޮވައިލައިފައި ވަނީ ޣައްޒާއަށް ވެހުނު ބޯ ވާރޭގެ ސަބަބުން ވަގުތީ ހިޔާތައް ފެންބޮޑުވެ، ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

މި ވާހަކަތައް ހެމިލްޓަން ދައްކާފައި ވަނީ ބުދަ ދުވަހުއެވެ. އެއީ ޣައްޒާއާ އިންވެގެން އޮންނަ މިޞްރުގެ އުތުރުގެ ރަށެއް ކަމަށްވާ އަލް-އަރީޝަށް އޭނާ ޒިޔާރަތް ކުރިތާޖެހިގެން އައި ދުވަހުއެވެ. އެ ޒިޔާރަތުގައި އޭނާ ވަނީ ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ މީހުންނަށް ފޮނުވުމަށް މިޞްރުގެ ރެޑް ކްރެސެންޓުން ތައްޔާރުކޮށްފައިވާ އެހީގެ ފޮށިތައް ރައްކާކޮށްފައިވާ ވެއާހައުސްއަކަށް ޒިޔާރަތްކޮށްފައެވެ.

ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހެމިލްޓަން ބުނީ ޣައްޒާ އާއި ފަލަސްޠީނުގެ ރައްޔިތުންނަށް މިވަގުތު އެހީ ނުހަނު ބޭނުންވެފައިވާ ކަމަށާއި، މިހާރަށްވުރެ ބޮޑަށް އެހީ ބޭނުންވާނެ އިތުރު ވަގުތެއް ނެތް ކަމަށެވެ. އަދި އެހީ ފަލަސްޠީނުގެ ރައްޔިތުންނާ ހަމައަށް ފޯކޮށްދިނުމަށްޓަކައި އިސްރާއީލަށް ޕްރެޝަރުކޮށް، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

އެކި ސަރަޙައްދުތަކުގައި ޒަރޫރީ ތަކެތި ރައްކާކޮށްފައިވާ ވެއާހައުސްތައް އެބަހުރި ކަމަށާއި ނަމަވެސް ބޯޑަރު ބަންދުކޮށްފައިވުމުގެ ސަބަބުން އެ ތަކެތި ބޭނުންވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނާ ހަމައަށް ނުފޯރާކަމަށް ހެމިލްޓަން ފާހަގަކޮށްފަވެއެވެ.

އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި މިޞްރުގެ ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންނާއި މަސައްކަތްތެރިންނާ ބައްދަލުކުރާ މަންޒަރާއި، ބޯޑަރު ހުރަސްކުރުމަށް ތައްޔާރަށް ކާނާ ބަރުކޮށްފައި ހުރި ޓްރަކްތައް މަޑުކޮށްގެން ތބި މަންޒަރު ފެނެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ޤަތުލުޢާންމުގެ ވޭތުވެދިޔަ ތިން އަހަރަކީ، ބިރުވެރިކަމެއް ކަމަށް ހެމިލްޓަން ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މިނިވަންކަމާއި، ރައްކާތެރިކަމާއި، ޤަދަރު ނިގުޅައިގަތުމަކީ ބޮޑު އަނިޔާއެއް ކަމަށާއި، އެއްވެސް އިންސާނެއްގެ ފުރާނަ އެހެން މީހުންނަށްވުރެ ކުޑަކަމަށް ދެކިގެން މުޢާމަލާތުކޮށްގެން ނުވާނެ ކަމަށް އޭނާ ބުނެފަވެއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިސްރާއީލުން ލަސްކުރަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށް ދޮގުހަދާފައެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި ޤައުމުތަކުން ގަނެފައިވާ 150،000 އަށްވުރެ ގިނަ ޕެކޭޖް ޣައްޒާއަށް ވެއްދުމުގެ ހުއްދައަށް އެދި ޣައްޒާ ބޭރުގައި މަޑުޖެހިފައިވާ ކަމަށް އދ. އިން ބުދަ ދުވަހު ބުނެފައިވެއެވެ.

އދ. ގެ އިންސާނީ އެހީދޭ ކަންކަމާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ބުދަ ދުވަހު ވިދާޅުވީ ޣައްޒާއަށް ޒަރޫރީ ފިނި މޫސުމުގެ ސާމާނު ވެއްދުން ލަސްވުމަށް، އިސްރާއީލުގެ އައު ސަރުކާރެއް އެކުލެވޭނެ ކަމަށް އިންތިޒާރު ކުރުމަކީ "ޤަބޫލުކުރެވޭނެ އުޒުރެއް ނޫން" ކަމަށެވެ.