ހޮރުމުޒް ކަނޑުއޮޅީގައި އޮންނަ އޮމާންގެ ދިދާމާރު ރަށުގައި ހުރި ކަނޑުދަތުރުފަތުރަށް މަގުދައްކާ ނިޒާމުތަކަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެން، ގަލްފު ސަރަހައްދުގައި ސަތޭކަޔަށް ވުރެ ގިނަ މުދާއުފުލާ އުޅަނދުތަކާއި ތެޔޮ ޓޭންކަރުތައް ތާށިވެ، ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
އޮމާންގެ މިލްކިއްޔާތެއް ކަމަށްވާ ދިދާމާރު ރަށުގައި (ލިޓްލް ކުއިން އައިލެންޑް) ހުރި މެރިޓައިމް ނެވިގޭޝަނާއި ޓްރެކިން އިންފްރާސްޓްރަކްޗާތަކަށް ހަމަލާދިން ކަމުގެ ޒިންމާ އުފުލާފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިންނެވެ.
އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، މި ހަމަލާ އަމާޒުކޮށްފައިވަނީ އީރާނުގެ ހުއްދައަކާ ނުލައި ދެކުނު ކަނޑުގެ މަގުތަކުން ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރުމަށް މަގުދެއްކުމަށް ބޭނުންކުރާ ނިޒާމުތަކަށާއި އެމެރިކާއާ ގުޅުން ހުރި ކަމަށް ބުނާ ވަސީލަތްތަކަށް ކަމަށެވެ.
ދިދާމާރު ރަށަކީ މުސަންދަމް ޕެނިންސިއުލާގެ އުތުރުން ގާތްގަނޑަކަށް 10 ނޯޓިކަލް މޭލު ބޭރުގައި، ހޮރުމުޒް ކަނޑުއޮޅީގެ އެންމެ ހަނި ސަރަހައްދުގައި އޮންނަ ސްޓްރެޓީޖިކް ގޮތުން މުހިންމު ރަށެކެވެ. އެ ރަށަކީ ދެކުނުގެ ކަނޑުގެ މަގުން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރު މޮނިޓަކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ލައިޓްހައުސްއަކާއި ރާޑަރު ނިޒާމުތަކުގެ އިތުރުން ރޭޑިއޯ ރިލޭ ސްޓޭޝަންތައް ގާއިމުކޮށްފައިވާ މައި މަރުކަޒެކެވެ.
ސެންޓިނަލް-2 ގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އެ ރަށުގެ ރާޑަރާއި މުވާސަލާތީ ވަސީލަތްތައް ހުރި ސަރަހައްދުން އަލިފާނުގެ އަސަރާއި ހޫނުމިން މަތިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް އޮމާންގެ އޮފިޝަލުންނާއި އެ ސަރަހައްދުގެ މެރިޓައިމް މަސްދަރުތަކުން ބުނެފައިވަނީ ގެއްލުން ލިބުނު މިންވަރު އީރާނުން ދައުވާކުރާ ވަރަށް ވުރެ ކުޑަ ކަމަށެވެ.
އޮމާންގެ ފަރާތްތަކުން ހާމަކުރި ގޮތުގައި، ނެވިގޭޝަނަށް އެހީތެރިވެދޭ މައިގަނޑު ވަސީލަތްތައް މުޅިން ހަލާކުވެ ބޭނުންނުކުރެވޭ ހާލަތަކަށް ނުދެއެވެ. އަދި އެ ސަރަހައްދުގައި ބޭނުންކުރެވޭނެ ބެކަޕް ނިޒާމުތައް އެބަހުރި ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
އޮމާންގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ދިން މި ހަމަލާއަކީ ސަރަހައްދީ ހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމެކެވެ. މީގެ އިތުރުން ހޮރުމުޒް ކަނޑުއޮޅިން އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުމަކަށް އައުމަށް މަސްކަޓް މެދުވެރިވެގެން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް މި ހަމަލާގެ ސަބަބުން ވަނީ ސީދާ ގޮތެއްގައި ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
ހިނގަމުންދާ މި ކާރިސާއާ ގުޅިގެންނާއި އައްސޭރިފަށުގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާތީ، ތެޔޮ އުފުލާ ބޮޑެތި ސުޕަޓޭންކަރުތަކާއި މުދާއުފުލާ ކާގޯ ބޯޓުތައް ފުރުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. މީގެ ސަބަބުން މުޅި ގަލްފު ސަރަހައްދުގައި އެތައް ސަތޭކަ އުޅަނދެއް ތާށިވެ، ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!