އެމެރިކާއަށް ރަޝިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެކްޒެންޑަރ ދާރްޗީވް، އުމުރުފުޅުން 66 އަހަރުގައި އަވަހާރަވެއްޖެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ހާމަކޮށްފިއެވެ.
ދާރްޗީވް އަވަހާރަވި ސަބަބެއް އެ ގައުމުގެ ޚާރިޖިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ގެއްލިގެން އެ ދިޔައީ ފާހަގަކޮށްލެވޭ ފަދަ މޮޅު ޑިޕްލޮމެޓެއް، ތަޖުރިބާކާރު ލީޑަރެއް، ހިތްހެޔޮ އެކުވެރިއެއް އަދި އިރުޝާދު ދެއްވާ މުރައްބީއެއް ކަމަށެވެ.
މީގެއިތުރުން ދާރްޗީވްއަކީ އެންމެ މަތީ ފެންވަރުގެ ޕްރޮފެޝަނަލެއް ކަމަށާއި، އެމެރިކާގެ ކަންކަމަށް އަރާހުންނެވި ކުޅަދާނަ މާހިރެއްގެ ގޮތުގައި ވެސް ރަޝިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.
އެމެރިކާގައި ހުންނަވާ ރަޝިއާގެ ސަފީރުކަމުގެ މަގާމާ ދާރްޗީވް ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި އެނަޓޯލީ އެންޓޮނޯވްގެ ބަދަލުގައެވެ.
ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދާރްޗީވް ވަނީ 2000 ގެ އަހަރުތަކުގެ ފަހުކޮޅު ވޮޝިންޓަންގައި ހުންނަ ރަޝިއާގެ އެމްބަސީގައި ވެސް ޚިދުމަތް ކުރައްވާފައެވެ. އަދި އޭގެ ފަހުން ރަޝިއާގެ ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވުމަށްފަހު، ކެނެޑާގައި ހުންނަވާ ރަޝިއާގެ ސަފީރުގެ ގޮތުގައި ހަ އަހަރު ދުވަހު އޭނާ ހުންނެވިއެވެ. މީގެއިތުރުން ވޭތުވެދިޔަ ހަތަރު އަހަރު އޭނާ އަދާކުރައްވާފައިވަނީ އެ މިނިސްޓްރީގެ ނޯތު އެމެރިކަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމެވެ.
ޔޫކްރޭނަށް ރަޝިއާއިން އަރައިގަތުމާ ދެކޮޅަށް އިހުތިޖާޖުކޮށް ފާޅުގައި މަގާމުން އިސްތިއުފާ ދެއްވި، ޖެނީވާގައި ހުންނެވި ރަޝިއާގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ބޮރިސް ބޮންޑަރެވް މިދިޔަ އަހަރު ދަ މޮސްކޯ ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދާރްޗީވްއަކީ ރައީސް ޕޫޓިންގެ އެހީތެރިޔާ ޔޫރީ އުޝަކޯވްގެ ބެއްލެވުމުގެ ދަށުން ތަރުބިއްޔަތުވެފައިވާ ބޭފުޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!